ބޭހާ ގުޅުން ހުރި ކަންތައް ކޮންޓްރޯލްކުރާ ދުވަސްވީ ނެޓްވޯކެއް ރާއްޖޭގައި އެބައޮތް ކަމަށާއި އޭގައި ސަރުކާރުގެ ބައެއް ފަރާތްތައް ވެސް ނެތެކޭ ނުދެންނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި ހާއްސަކޮށް މެޑިކަލް ދާއިރާގައި ބޭސް އެތެރެކުރުމާއި ކޮންސިއުމަބްލްސް އެތެރެކުރުމުގައި ދުވަސްވީ ބޮޑު މައްސަލަތަކެއް އެބަހުރި ކަމަށެވެ.

"އެއަށް އެޓެންޑްވެ ހައްލުކުރަން ބަލާއިރުވެސް ވަރަށް ދަތި އުނދަގޫ ޗެލެންޖްތަކެއް ކުރިމަތިވޭ އަޅުގަނޑުމެންނަށް. ނެޓްވޯކެއް ގޮތަށް އަޅުގަނޑަށް ސިފަކުރެވެނީ. އޭގައި އެކި ލެލެވެލްގައި ގޮސް ސަރުކާރު ތެރެއިން ވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް ނެތެކޭ ދެންނެވޭކަށް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއަށް އެޓެންޑްވެ ހައްލުކުރަން ބަލާއިރުވެސް ވަރަށް ދަތި އުނދަގޫ ޗެލެންޖްތަކެއް ކުރިމަތިވޭ އަޅުގަނޑުމެންނަށް. ނެޓްވޯކެއް ގޮތަށް އަޅުގަނޑަށް ސިފަކުރެވެނީ. އޭގައި އެކި ލެލެވެލްގައި ގޮސް ސަރުކާރު ތެރެއިން ވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް ނެތެކޭ ދެންނެވޭކަށް ނެތް،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ މިހާރު އޮންނަ ގޮތުން ފަސް އަހަރުގެ ސޯލް އެޖެެންޓްކަން ދޫކޮށްފައި އޮތުމުން އެނޫން ފަރާތެއް މެދުވެރިކޮށް އެއްވެސް ބޭހެއް އެތެރެ ނުކުރެވޭ ކަމަށެވެ.

"މަނާ މިކުރަނީ އެއޮންނަ ކޮންމެވެސް ގޮތެއްގެ ތެރެއިން. އެހެންވީމަ އެ ދުއްވާލަންޖެހޭނީ. އެކަމަށް އެބަ މަސައްކަތް ކުރަން،" ރައީސް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮލިޓީ ބޭސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ކޮލިޓީ ބޭސް ރާއްޖެ އެތެރެ ކުރުމަށް ބޭނުންވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި މި ހިދުމަތް ފެށުމުން ހާސިލްވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުންކަމުގަ އެވެ. އަދި މި ހިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.