ފެން ފްލާޓެއް ފަޅައިގެން ނުދާ ކަމަށާއި ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި ކަމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފި އެވެ.

މާލެ ސަރަހައްދަށް ފެނުގެ ހިދުމަތް ދޭ އެމްޑަބްލިއުއެސްސީ އިން މިހެން ބުނީ އެ ކުންފުނީގެ މައި ފެން ޕްލާންޓްތައް މާލޭގައި ހުންނަ ގޯތި ތެރެއިން ފެންގަނޑު މަގަށް ބޭރުވެފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑަބްލިއެސްސީގެ މައި އިމާރާތާ އިންވެގެން ހުންނަ ފެން އުފައްދާ ޕްލާންޓު ހިމެނޭ ސަރަހައްދުން ފެން ބޭރުވެ، މުޅި ސަރަހައްދުގައި ފެން ބޮޑުވެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީން މިއަދު ބުނީ އެ ކުންފުނީގެ ފެން ޕްލާންޓެއް ފަޅައިގެން ނުދާ ކަމަށެވެ. އަދި ފެން ޕްލާންޓް އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ފެން ބޮޑުވީ ފެން އުފައްދާ ނިޒާމުގައި ހިމެނޭ ޗެމްބަރު އެއް އޯވަލޯފްލޯ ވެގެން ކަމަށް އެކުންފުނިން ބުންޏެވެ.

އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.