08 ޖެނުއަރީ - ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ހުރި އެމޭޒަންގެ ފައުންޑާ ޖެފް ބެޒޯސް ވައްޓާލުމަށްފަހު އެ ލިސްޓުން އެއްވަނަ ޓެސްލާ އަދި ސްޕޭސް އެކްސްގެ ފައުންޑާ އެލަން މަސްކް ހޯދައިފި އެވެ.

މަސްކްގެ އެލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާގެ އަގު ވަނީ ފުރަތަމަ ފަހަރަށް މިދިޔަ ބުދަ ދުވަހު 700 ބިލިއަން ޑޮލަރު ފަހަނައަޅާފަ އެވެ. މިއާއެކު ކާރު އުފައްދާ ކުންފުނިތައް ކަމަށްވާ ޓޮޔޯޓާ، ވޯލްކްސް ވާގަން، ހިޔުންޑާއި، ޖީއެމް އަދި ފޯޑް އެއްކޮށްލުމުން ވެސް ޓެސްލާ ކުންފުންޏަށް ވުރެ އަގުބޮޑެއް ނުވާނެ އެވެ.

މަސްކް ވިދާޅުވީ އޭނާގެ މިލްކިއްޔާތުގެ 185 ބިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދުކުރަން ވިސްނަނީ ދުނިޔޭގައި އިންސާނުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށެވެ. އަދި އަނެއްބައި ބޭނުން ކުރާނީ ޕްލެނެޓް މާސްގައި އިންސާނުންނަށް އުޅޭވޭނެ ތަނެއް ގާއިމް ކުރުމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމޭޒަންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތު ވެސް ވަނީ ކުރިއެރުންތަކެއް މިދިޔަ އަހަރު ހޯދާފަ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ގިނަ ކުންފުނިތަކަށް ގެއްލުންވި ކަމުގައިވީ ނަމަވެސް އެމޭޒަންއަށް ވަނީ ބޮޑުތަނުން ފައިދާ ލިބިފަ އެވެ.

މާހިރުން ލަފާކުރާ ގޮތުގައި އެމޭޒަންގެ ހަތަރު ޕަސެންޓް އޭނާގެ ކުރީގެ އަނބިމީހާއަށް ވަރީގެ ސެޓަލްމަންޓަކަށް ދޭންޖެހުމަކީ އޭނާގެ މިލްކިއްޔާތު ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ބެޒޯސްގެ މިލްކިއްޔާތުގައި މިހާރު ހުރީ 184 ބިލިއަން ޑޮލަރެވެ. -- ބީބީސީ