ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ވަކި މުއްދަތެއް ނެތް ގޮތަށް ބްލޮކް ކުރަން ނިންމާފައިވާ ކަމަށް ފޭސްބުކުން ބުނެފި އެވެ.
ފޭސްބުކުން މިކަން ހާމަކޮށްފައިވާއިރު ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ބުނެފައި ވަނީ ޓްރަމްޕްއަށް ފޭސްބުކް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ބޮޑެތި ރިސްކުތައް އެކުލެވިގެންވާ ކަމެއް ކަމަށެވެ.
ފޭސްބުކްގެ މި ސަސްޕެންޝަނުގެ އިތުރުން ލައިވް ސްޓްރީމިން ޕްލެޓްފޯމް ޓްވިޗް އާއި ފޮޓޯ ހިއްސާކުރާ އެޕެއް ކަމަށްވާ ސްނެޕް އިން ޓްރަމްޕް ބްލޮކް ކުރަން ނިންމި ނިންމުމަކީ މިހާތަނަށް ސޯޝަލް މީޑިއާ ކުންފުންޏަކުން ޓްރަމްޕާ ދެކޮޅަށް އެޅި އެންމެ ބޮޑު ދަތިކުރުމުގެ ފިޔަވަޅެވެ.
ޓެކް ކުންފުނިތަކުން ދަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަތައް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. އެ ވާހަކަތަކާއި ގުޅިގެން ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކޮންގްރެސް އިމާރާތް ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގައިފަ އެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތަރު މީހަކުވަނީ މަރުވެފަ އެވެ.
ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ބުނެފައިވާ ގޮތުގައި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހުވާ ކުރައްވަންދެން ޓްރަމްޕްގެ އެކައުންތަކުގެ ސަސްޕެންޝަން އުވާނުލާނެ ކަމަށެވެ.