މިފަހުން ދިން އިންޓަވިއުތަކެއްގައި އެކްޓަރު ޕްރިޔަންކާ ޗޯޕްރާ ވަނީ ބޮލީވުޑާ ބެހޭ ވަރަށް ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާ ވަނީ ބޮލީވުޑްގެ އަނދިރި ފަރާތް ހާމަކޮށްދީފަ އެވެ.
އެގޮތުން ޕްރިޔަންކާ ވަނީ 60 ފިލްމު ކުޅެވުނުއިރު ވެސް ފިރިހެން ތަރިންނާ އެއްވަރުގެ އާމްދަނީއެއް ނުލިބޭ ކަަމަށާއި ބޮލީވުޑްގެ އަންހެން ތަރިންނަށް ލިބެނީ ފިރިހެން ތަރިންނަށް ލިބޭ އާމްދަނީގެ 10 ޕަސެންޓް ކަމަށް ބުނެފަ އެވެ.
ޕްރިޔަންކާގެ މި ވާހަކަތަކަށް ބޮލީވުޑްގެ ގިނަ ފަރާތްތަކަކުން ދެކޮޅު ހަދައި ވާހަކަ ދައްކާފައިވާއިރު އެކްޓަރު ކަންގަނާ ރަނައުތު މިހާރު ވަނީ އެކަމުގައި އޭނާގެ ޚިޔާލުވެސް ފާޅުކޮށްފަ އެވެ.
އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ކަންގަނާ ބުނީ ޕްރިޔަންކާގެ ވާހަކަތަކާ އެއްބަސްވާން ޖެހޭ ކަމަށާއި ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަންހެން ތަރިން ފިލްމު ކުޅެދެނީ ހިލޭ ކަމަށް ބުނުމުން ދޮގަކަށް ނުވާނެ ކަމަށެވެ.
އެހެން ކަމުން ގިނަ އަންހެން ތަރިން ބޮލީވުޑް ދޫކޮށް ހޮލީވުޑަށް ދިއުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫން ކަމަށް ކަންގަނާ ބުނެފައިވެ އެވެ.
ކަންގަނާއަކީ އަބަދުވެސް ބޮލީވުޑްގައި މައްސަލަ ބޮޑު އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވޭ ތަރި އެކެވެ. އޭނާގެ އަމަލުތަކާއި ބަސްތައް މީޑިއާގައި އަބަދުވެސް ދައުރުވެ އެވެ.