މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފައިވަނިކޮށް އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ޖަލްސާގައި ބައިވެރިވެއްޖެ އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތުން އެކަމާ ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުލެވޭހެން މިހާރު ވަނީ އިއްތިހާދުވެފައެވެ. ސަރުކާރުން މިމައްސަލާގައި އަމަލު ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ ސަރުކާރު އެކަމާ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންނާއި މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެކުވެ ވަނީ އިދިކޮޅު ކޯލިޝަނާ އެކު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދާފަ އެވެ.
ޖޭޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ އިދިކޮޅު ކޯލިޝަނާއެކު އެމައްސަލާގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. ޖޭޕީގެ ފަރާތުން އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ އަލީ ހުސައިނެވެ.
ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކު އެއްވުމުގައި ބައިވެރިނުވުމަށް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
ޖޭޕީގެ މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޭޕެއްގައި ގާސިމް ވަނީ އެމުޒާހަރާގައި އެޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެދިވަޑައިގެން މެސެޖެއް ކުރައްވާފައެވެ.
އެ މެސެޖުގައި ގާސިމް ހަނދާން ކޮށްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އިދިކޮޅުން ބޭއްވި މޭޑޭގެ މުޒާހަރާ އެވެ.
ގައުމުގެ އަމަންއަމާންކަމާ ސުލްހަ ގާއިމް ކުރުމަށް ގާސިމް އެދިލެއްވި އެވެ.
އެހެންނަމަވެސް ޖަލްސާގައި އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް އެގޮތަށް އެދިވަޑައިގެންފައިވީ ނަމަވެސް އަލީ ހުސައިން ވަނީ މިރޭގެ އެއްވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.