ރައީސް ސޯލިހްގެ ވެރިކަން ނިންމަން "ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދު"ގެ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ ކަމުގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދަކަވަމުން ވައްޑެ ވިދާޅުވީ އިއްތިހާދުގެ ބައިވެރިންނަށް ދެކަމަކަށް އެއްބަސްވެވޭ ކަމަށެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށާއި ރައީސް ސޯލިހްގެ ވެރިކަން ނިންމުން ކަމުގަ އެވެ.

"އަޅުގަނޑުމެން ސިޔާސީ ގޮތުން ތަފާތު ވިސްނުންތަކުގައި ތިއްބަސް އެއްކަމަކަށް އެއްބަސް ވެވިއްޖެ މިހާތަނަށް. ކަނޑުގެ މައްސަލައިގައި އެންމެން އެކީގައި ވާހަކަދައްކަން. އަޅުގަނޑު މިރޭ ދަންނަވަން ދެވަނަ ކަމަކަށް އަޅުގަނޑުމެންނަށް އެބަ އެއްބަސް ވެވޭ. އެއީ މީގެ 98 ދުވަސް ފަހުން، ސެޕްޓެމްބަރު ނުވަވަނަ ދުވަހު މިވެރިކަން ބަދަލުކުރަންވެސް އަޅުގަނޑުމެންނަށް އެއްބަސް ވެވޭ،" ވައްޑޭ ވިދާޅުވި އެވެ.

ގަބުކަމާއި ގަމާރު ކަމުގައި ތާ އަބަދު ރާއްޖޭގެ ވެރިކަމުގައި ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހަށް ނުހުރެވޭނެ ކަމަށާއި މިވެރިކަން ބަދަލު ކުރާނެ ކަމަށެވެ.

ޗާގޮސް މައްސަލައިގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ބޭރުގެ މެޗަކުން މޮޅުވެގެން، ކާމިޔާބު ވެގެން ޓްރޮފީ ހިފައިގެން އައިސް ފިލި ބައެއް މި ނޫނިއްޔާ ނުދެކޭކަމަށެވެ.

"ގައުމިއްޔަތެއް ބިނާކޮށްގެން މިތާ އުޅޭތާ 1،000 އަހަރުވީމި ރާއްޖޭގެ ރައްޔިތެއް ކައިރިން އަހާ ނުލާ، ގާނޫނު ހަދާ މަޖިލީހުގައި އަހާ ނުލާ، ބައްލަވާ މި ރާއްޖޭގެ ދެކުނު ކަނޑުގައި، މަސްވެރިން ބޭރު ކަނޑަށް ނުކުމެ އަބަދު ބާނަބާނާ ތިބިތަން ކުރިން އަތުން ދުރުމި އާޅާލާފައި ލައްޓި ޖަހާލާ ހިސާބު ކުއްލިއަކަށް އެހެން ގައުމެއްގެ ބަޔަކަށް، އަޅުގަނޑުމެން ދުރުމި އަޅާލާފައި ކުރަނގި ޖަހާ ހިސާބު ކުއްލިއަކަށް އެހެން ގައުމެއްގެ، އަދި އެތާ މާ ދުރުގައި އޮތް އެހެން ބައްރެއްގެ ބަޔަކަށް، އެފްރިކާ ބައްރުގެ ގައުމުގެ ބަޔަކަށް ރާއްޖޭގެ ބޮޑު ސިންގާ ސަރަހައްދެއް ހައްދަވާލައިފި،"ވައްޑެ ވިދާޅުވި އެވެ.

އަދި މިކަން ދިފާއު ކުރަން އެ ހައްދަވަނީ ދޮގު ކަމަށްވެސް ވައްޑެ ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވެރިކަން ނިންމަން "ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދު"ގެ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ ކަމަށް ވައްޑެ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ވެސް އެކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.