ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯނާ އަނެއްކާވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
ސަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިމިވަނީ މިދިޔަ ހަފުތާގައި ފްރާންސްގައި ނިންމައިލި މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމަށް ފަހު އެވެ. މީގެ ކުރިންވެސް ސަނީ ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފަ އެވެ.
ސަނީ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮއްޓެފަރު މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް ވެސް ސަނީގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފަ އެވެ.
މި އަހަރުގެ ކާންސްގައި ސަނީ ބައިވެރިވީ އޭނަގެ ތުރިލާ ފިލްމު "ކެނެޑީ" ޕްރީމިއާކުރަން ލިބުނު ފުރުސަތުގަ އެވެ. މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ އެ ފިލްމުގެ ބަތަލާ އަކީ ރާހުލް ބަޓެވެ.
ފިލްމް "ޖިސްމް 2" އިން 2012 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާގެ ތިން ކުދިން ތިބެ އެވެ. އެއީ އެޑޮޕްޓްކުރި އަންހެން ކުއްޖަކާއި ސަރޮގޭޓްކޮށްގެން ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިނެވެ.
ސަނީ ލިއޯން ފެނިގެންދާނީ "ރަންގީލާ" އާއި "ވީރަމާދޭވީ" ފަދަ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންނެވެ.