ވޮޝިންޓަން (8 ޖެނުއަރީ) - އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިހާބްވި ޖޯ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިނުގަތުމަށް ނިންމަވައިފި އެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަަޑައި ނުގަންނަވާނެ ކަމަށެވެ.

"އަހަރެން ކައިރީ ރަސްމިއްޔާތުގައި ބައިވެރިވާނެ ތޯ ސުވާލުކުރި އެންމެންނަށް؛ 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރި ނުވާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކޮންގްރެސް އިން ޖޯ ބައިޑެން އިލެކްޓޯރަލް ކޮލެޖް ވޯޓުން ވެސް ކުރި ހޯއްދެވިކަން ރަސްމީކޮށް އިއުލާންކޮށް އަދި ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަން ބަދަލުވާނެ ކަމަށް އިއުލާންކުރުމުން ވެރިކަން ބަދަލުވުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް ތެރެއަށް ގަދަކަމުން ވަދެގަނެ ހިންގި ހަމަނުޖެހުން ތަކުގައި ހަ މީހަކު ވަނީ މަރުވެފައިވެ އެވެ. ފަހުން މަރުވެފައި ވަނީ ސަޕޯޓަރުން ދުރުކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ މީހެކެވެ.

ގިނަ ފަރާތްތަކުން ދަނީ މިކަމުގެ ޒިންމާ ޓްރަމްޕް ނަންގަވަންޖެހޭނެ ކަން ވިދާޅުވެ ޓްރަމްޕް ހަމަނުޖެހުން ހިންގި ފަރާތްތަކަށް ހިތްވަރު ލިބޭނެހެން ވާހަކަ ދައްކަވާފައިވާތީވެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އޭނާ މަގާމުން ދުރުކުރުމަށް ވެސް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ވޮޝިންޓަން ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވި ގޮތުގައި ކޮންގްރެސްއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތް މައްސަލައިގައި ޓްރަމްޕަށް ވެސް ދައުވާ ކުރާނެ އެވެ. މިކަމަކީ ޓްރަމްޕް ވެސް ޒިންމާ އުފުލައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންގްރެސްގެ އިދިކޮޅު މެމްބަރުން އަދި ޓްރަމްޕްގެ ޕާޓީގެ މެމްބަރުންނާއި އޭނާގެ ސަރުކާރުގެ ވަޒީރުން ވެސް ޓްރަމްޕްގެ ވެރިކަމުގެ މުއްދަތު ހަމަނުވަނީސް މަގާމުން ދުރުކުރުމަށް ނައިބް ރައީސްއަށް ގޮވާލައްވާފައިވެ އެވެ. – އަރަބް ނިއުސް