އިންޑިއާ ސަރުކާރުގެ އެހީއާ އެކު ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށް ގެދިޔުމަށް ނިންމާފައިވާ 10 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި 10 މަޝްރޫއުއަކީ އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ.

ފޮރިން މިނިސްޓްރީގެ އީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުންތަކުގއި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަ އޮފް ސްޓޭޓް ފޮ އެކްސްޓާނަލް އެފެއަޒް ވީ. މުރަވީދަރަން އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް މިއަދު ސޮއިކުރި މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ގާއިމުކުރުމާއި، ޅ. ހިންނަވަރު ކައުންސިލްގެ އާ އިދާރީ އޮފީސް ތަރައްގީކުރުމާއި، ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނެ އެވެ. އަދި ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޔުނިޓެއް ގާއިމުކުރުމާއި، ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ ހަތަރު ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުމާއި، ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްޤީކުރުން ހިމެނެ އެވެ.

އިންޑިއާ އެހީގައި ކުރިއަށް ގެންދާ 10 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީގެއިތުރުން އައްޑޫ ސިޓީ ހިތަދޫގެ ދެ ސަރަހައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ގާއިމުކުރުން ވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެ އެވެ. މި ހުރިހާ މަޝްރޫއުތަކާކީ ވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން އިންޑިއާ ސަރުކާރުން އިތުރުކޮށްދެއްވި 100 މިލިއަން ރުފިޔާގެ ގްރާންޓުގެ ތެރެއިން ހިންގާ މަޝްރޫއުތަކެކެވެ.

މި ރަސްމިއްޔާތުގައި މި 10 މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިން ވެސް ވަނީ ހަދިޔާކުރައްވައިފަ އެވެ.