ޗާގޯސް މައްސަލައާ ވިދިގެން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތުއާ އެކު މިއަދުގެ މަޖިލިސް ޖަލްސާއަށް ވަޑައިގެންނެވި ދެ އަންހެން ވަކީލުންނާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ކުޑައިމީސްކޮށް މުހާތަބުކުރައްވައި ދިމާކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ބަންޑާރަ ނާއިބުއާއެކު ޑެޕިއުޓީ ބަންޑާރަ ނައިބު ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް މަޖިލީހަށް ހާޒިރުވި އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ގެންދަވަނިކޮށް އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ ސަލީމް ޖެއްސުން ކުރާ މޭރުމަކުން އެ ދެ ވަކީލުންނަކީ "ކުޑަ ދެ ކުދިން" ކަމަށް ޝައްކުވާ ކަމަށް ވިދާޅުވެ ނިޒާމީ މައްސަލައެއް ނެންގެވި އެވެ.

"އަޅުގަނޑު ނިޒާމާ ބެހޭ މައްސަލައެއް މި ނެގީ، ބަންޑާރަނައިބުގެ ދެ ފަރާތުގައި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ. އެކަން ޔަގީންކޮށްލައިދޭން އަޅުގަނޑު ބޭނުންވޭ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އެގޮތަށް ވަކީލުންނަށް ނިސްބަތްކޮށް ވާހަކަދެއްކެވިއިރު، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު އެ ކަމެއް ކުށްވެރިއެއް ނުކުރައްވަ އެވެ.

އެއާ އެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ނިޒާމީ މައްސަލައެއް ނަންގަވައި، މަޖިލީހަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނާ ކުޑައިމީސްކޮށް ވާހަކަނުދެއްކެވޭނެ ކަމަށް ވިދާޅުވި އެވެ. ނަޝީދު އެ މައްސަލަ ބަލައިގަނެ، "ޖިންސުއްލަތީފުންނާ" ކުޑައިމީސްކޮށް ވާހަކަ ނުދެއްކެވުމަށް މެމްބަރުންނަށް އިލްތިމާސްކުރެއްވީ އެހާ ހިސާބުންނެވެ.

"އެއްވެސް އިއްޒަތްތެރި މެމްބަރަކު މި ތަނަށް ހާއްސަކޮށް ޖިންސުއްލަތީފުންނާ ގުޅޭ ގޮތުން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭ ގޮތުން ކުޑައިމީސްކޮށް ވާހަކަނުދެއްކުމަށް ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ހުރުމަތް ކެނޑޭ ގޮތަށް ސަލީމް ފުރައްސާރަކުރި މައްސަލާގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއެކު ތިއްބަވާ އަންހެނުންނަށް ކުޑައިމީސްކޮށް، ފޮށެން ފެށުނު މި ދުވަހަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގައި ކަޅު، ހަތުރު ދުވަހެއް،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ޓުވީޓެއްގައި ވިދާޅުވި އެވެ.