ޕަންޖާބީ ލަވައެއް ނުކިޔުމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ކައިރީގައި އޭނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ވިކީ ކޯޝަލް ބުނި ސަބަބު ހާމަކޮށްފި އެވެ.

ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން އެ ދެމީހުނާއި ގުޅުން ހުރި ވާހަކަތައް ހޯދުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.

މިހާރު ސިނަމާގައި ދައްކަމުން އަންނަ ފިލްމު "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެކްޓަރު ވިކީ ވަނީ ކެޓްރީނާ ކައިރީގައި ޕަންޖާބީ ލަވައެއް ނުކިޔަން ބުނެ ސަބަބު ހާމަކޮށްފަ އެވެ. ވިކީ ހާމަކުރި ގޮތުގައި ކެޓްރީނާ ޕަންޖާބީ ލަވައެއް ދަސްކޮށްގެން އޭނާ ކިޔައިދީފައިވާ ކަމަށެވެ. އެލަވަ ކިޔައިދިނުމުން އެލަވަޔަކީ އެހާ ރަގަޅު ލަވަޔަކަށް ނުވާތީ އެލަވަ ނުކިޔުމަށް ކެޓްރީނާ ކައިރީގައި ބުނެފައިވާނެ ކަމަށް ވިކީ ބުންނެވެ. އެ ޕަންޖާބީ ލަވަ ނުކިޔުމަށް ބުނީ އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލަވަޔަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

ކެޓްރީނާ އަންނަނީ ޕަންޖާބީ ބަސް ދަސް ކުރަމުންނެވެ.

މިވަގުތު ކެޓުރީނާ ވަރަށް ބިޒީކޮށް ޝޫޓްކުރަމުންދަނީ ސަލްމާން ޚާން ލީޑް ރޯލު ކުޅޭ "ޓައިގާ 3" އެވެ. އަދި އޭގެ ފަހުން "މެރީ ކްރިސްމަސް"ކިޔާ ފިލްމެއް ސައުތު އިންޑިޔާ އެކްޓަރު ވިޖޭ ސެތުޕަތީ އާއެކު ކުޅެން ވަނި ހަމަޖެހިފަ އެވެ. އަދި ފަރްހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" ކުޅެން ވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ. މިއީ ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އާއެކު އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމެވެ.

ވިކީ އާއި ސާރާ ލީޑްރޯލުން ފެނިގެންދާ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބުތަކެއް ހޯދަމުން އަންނަ ފިލްމެކެވެ. ކުރިއަށްވެސް ވިކީގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.