އިނގިރޭސިވިލާތުގެ ޕްރިންސެސް ޑަޔާނާ އަވަހާރަވުމަށް މެދުވެރިވި 1997 ވަނަ އަހަރުގެ ބިރުވެރި ކާރު އެކްސިޑެންޓް މުޅި ދުނިޔޭގެ ސަމާލުކަމަށް އަ އެވެ.
މި ކާރު އެކްސިޑެންޓާ ގުޅޭ ގޮތުން އެކި ވާހަކަތައް ދެކެވޭއިރު އެ ހާދިސާ ހިނގާދިޔަ މަންޒަރު ފެނުނު ބައެއް މީހުން ވަނީ އެ ވާހަކަތައް ކިޔާދީފަ އެވެ. އެ ވާހަކަތަކުން ވެސް އެ ވަގުތުގެ ބިރުވެރިކަން ހާމަވެގެންދެ އެވެ.
އެގޮތުން ޑަޔާނާއަށް ފަރުވާ ދިން ފްރާންސްއަށް ނިސްބަތްވާ ޑޮކްޓަރު ފްރެޑެރިކް މެއިލިއެޒް ޓައިމްސް އޮފް ލަންޑަން ބުނިގޮތުގައި އެންމެ ފުރަތަމަ ފަރުވާ ކުރަން ފެށީ އެއީ ޕްރިންސެސް ޑަޔާނާ ކަން ވެސް ނޭނގި ކަމަށެވެ.
އޭނާ ބުނި ގޮތުގައި ޑަޔާނާ ގެންދިޔައީ ނޭވަލާން އުނދަގޫވެ، ތަދުވާ ވަރުން ރޮމުންނެވެ. އަދި ތަކުރާރުކޮށް ތަދުވެޔޭ ބުނަމުން ދަނިކޮށް ހޭނެތުނު ކަމަށް ޑރ. ފްރެޑެރިކް ބުންޏެވެ.
އެހެން ރިޕޯޓުތައް ބުނާގޮތުން ޑަޔާނާ ބުނެފައިވަނީ "އޯ މައި ގޯޑް، ލީވް މީ އެލޯން،" ނުވަތަ އަހަރެން އެކަނި ދޫކޮށްލާށެވެ.
އެ ހާދިސާ ހިނގާދިޔަ ތަނަށް އެންމެ ފުރަތަމަ ދިޔަ އަލިފާން ނިއްވާ މީހެއް ކަމަށްވާ ޒެވިއާ ގޯރްމެލަން ވަނީ އޭގެ 20 އަހަރު ފަހުން އޭނާގެ ތަޖުރިބާ ކިޔާދީފަ އެވެ.
އޭނާ ބުނި ގޮތުގައި އެކްސިޑެންޓްވި މާސިޑީސް ކާރު ތެރެއިން ޑަޔާނާ ނެރުނުއިރު ވެސް ކައިރީގައި ހުރި ކަމަށެވެ. ނަމަވެސް އެއީ ޑަޔާނާކަން އެނގުނީ ފަހުން ކަމަށް އޭނާ ބުންޏެވެ.
ކާރު ތެރެއިން ނެރުމުގެ ކުރިން "މިވީ ކިހިނެތް؟،" ހޭ ޑަޔާނާ ބުނި އަޑު އިވުނު ކަމަށް ޒެވިޔާ ބުންޏެވެ. އޭގެ ފަހުން ޑަޔާނާއަށް ވަނީ ހާޓް އެޓޭކެއް ޖެހިފަ އެވެ.
ޒެވިއާ އިތުރަށް ބުނި ގޮތުގައި އޭނާ ޑަޔާނާ އަށް ސީޕީއާރް ދިނުމަށް ފަހު އެމްބިއުލާންސްގައި ގެންދިޔައިރު ހާލު ކުޑަކޮށް ރަނގަޅު ކަމަށެވެ.
އޭނާ ވަނީ 2007 ވަނަ އަހަރު މި ހާދިސާގެ ތަހުގީގަށް ބަޔާން ދިނުމާ ހަމައަށް މި ވާހަކަތައް ސިއްރުކޮށްފަ އެވެ. އެއަށް ފަހު އޭނާ ވަނީ އަލިފާން ނިއްވުމުގެ ވަޒީފާއިން ވަކިވެފަ އެވެ. ސަބަބަކީ އެ ވަޒީފާގައި އުޅޭ މީހުންނަށް މީޑިއާއާއި ވާހަކަ ދެއްކުމަކީ މަނާ ކަމަކަށް ވާތީ އެވެ.