ސ. މީދޫގައި އާ މިސްކިތެއް އިމާރާތްކުރުމަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ އިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓްއާ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރު އަބްދުﷲ ސޯލިހެވެ.

މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް ޢިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ނޫރައްދީން އިންވެސްޓްމަންޓްގެ މެނޭޖަރު ސޯލިހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަށް ހަވާލުވާ މަސައްކަތެއް ނިންމުމަށް ކަމަށެވެ. އެހެންކަމުން މި މަސައްކަތް ވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި އެވެ.

މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކީ 13.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގަ އެވެ.