މާބަނޑުއިރު ބައެއް އަންހެނުން މާ ގިނައިން ނިދި އަންނަ ކަމަށް ޝަކުވާ ކުރެ އެވެ. މިގޮތަށް ގިނައިރު ނިދުމަކީ މައިމީހާއަށާއި ދަރިފުޅަށް ނުރައްކާތެރި ކަމެއް ނަމަވެސް ނިދި އައުމަށް މެދުވެރިވާ ސަބަބުތައް ވެސް ހުރެ އެވެ.

ކަންބޮޑުވުން

މާބަނޑުއިރު ވާ ޖިސްމާނީ އުނދަގުލާއި ކަންބޮޑުވުންތަކާއެކު ބައެއް މީހުންނަށް މާގިނައިން ނިދޭ ގޮތްވެ އެވެ. މީގެ އިތުރުން ވެސް މާގިނައިން ނިދުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި:

ހޯމޯން އަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ޕްރޮޖެސްޓެރޯން އިތުރުވުމުގެ ސަބަބުން ހަށިގަނޑުގައި ބްލަޑް ޝުގާ އާއި ބްލަޑް ޕްރެޝާ ދަށްވެ މާބޮޑަށް ވަރުބަލިކަން އިހުސާސު ކުރެވޭނެ އެވެ. އެހެންވުމުން މާ ގިނައިން ނިދާހިތްވާނެ އެވެ.

ގޭސްޓްރޯއީސޯފޭގަލް ރީފްލަކްސް ޑިސީސް

މާބަނޑުއިރު ބަނޑަށް އައިސްފައި ހުންނަ އިތުރު ޕްރެޝަރާއެކު ދިމާވާ ހާލަތެކެވެ. މިއީ ކާއެއްޗެހި ދަތުރު ކުރާ ހޮޅި ކަމަށްވާ އީސޯފެގަސް ނިމޭ ހިސާބުގައި ބަނޑަށްވާ ގޮތަށް ހުޅުވޭ މަސްކިއުލާ ރިންގް ދޫކޮށް ހުންނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. މީގެ ސަބަބުން އޮށޯވެ އޮންނަ އިރު ބަނޑަށް ދާ ކާއެއްޗެހި އަނބުރާ ކަރަށް އަންނަ ގޮތްވެ އެވެ. މިހެން ވުމުން ނިދުމަށް އަސަރުކުރެ އެވެ.

ސްލީޕް އެޕްނިއާ

ސްލީޕް އަޕްނިއާ އަކީ ނިދާފައި އޮންނަ އިރު، އިރު އިރުކޮޅާ ނޭވޭލުން ކުއްލިއަކަށް ހުއްޓިފައި އަނެއްކާ ވެސް ފެށުމަށް ދިމާވާ ހާލަތަކަށް ކިޔާ އުޅޭ ނަމެކެވެ. އަންހެން މީހާ ނިދާފައި އޮންނައިރު ގުގުރި ދަމާ ނުވަތަ ހަމަ ނިދި ނިދުމުން ވެސް ވަރުބަލިކަން އިހުސާސުވާ ނަމަ އޭނާ ސްލީމް އެޕްނިއާ ހުރީ ކަމަށް ވެދާނެ އެވެ. އަވަހަށް ޑޮކްޓަރަށް ދައްކާށެވެ. ސަބަބަކީ މާބަނޑުއިރު ހޯމޯންތަކަށް އަންނަ ބަދަލާއެކު ސްލީޕް އެޕްނިއާ އަށް މަގުފަހިވާތީ އެވެ.