ދުވަހުގެ ފެށުން ގަދަ އަޑަކަށް ހަޅޭއްލަވާ އެލާމް ގަޑިއެއްގެ އަޑުން ފެށުމަކީ ގިނަ މީހުންނަށް ކަމުދާ ކަމެއް ނޫނެވެ. ކުއްލިއަކަށް ހޭލައްވާލާ އެލާމްގެ ސަބަބުން މުޅި ދުވަސް ނުތަނަވަސްކަމާއި ވަރުބަލިކަމުގެ ތެރޭގައި ފެށެން މެދުވެރިވެ އެވެ. ނަމަވެސް އެލާމަކާ ނުލައި އަމިއްލައަށް ހޭލަން ވެސް ހަށިގަނޑު ހޭނުވިދާނެ އެވެ.
މިކަމާ ގުޅޭގޮތުން މާހިރުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހަށިގަނޑުގެ އެތެރޭގެ ގަޑި ނުވަތަ "ސާކޭޑިއަން ރިދަމް"އަށް ފަރިތަ ކޮށްދިނުމުން އެއްވެސް އެލާމެއްގެ އެހީއާ ނުލައި ކޮންމެ ދުވަހަކު ވެސް ހަމަޖެހޭ ވަގުތަކަށް ހޭލެވޭނެ އެވެ.
ހަށިގަނޑުގެ ގަޑި ރޭވުން
އިންސާނާގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން ނިދާ ހޭލާ މިންގަނޑެއް ލައްވާފައިވެ އެވެ. ނަމަވެސް ދިރިއުޅުމުގެ އެކި އާދަތަކުގެ ސަބަބުން މި ގަޑި ވަނީ ތަފާތުވެފަ އެވެ.
އެލާމަކާ ނުލައި ހޭލުމަށްޓަކައި އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ނިދަން އަދި ހޭލަން އާދަ ކުރުމެވެ. މީގެ ތެރޭގައި ބަންދު ދުވަސްތަކުގައި ވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އެއްގޮތެއްގައި ހިފެހެއްޓުން ހިމެނެ އެވެ.
އަލިކަމުގެ ދައުރު
ނިދުމުގެ އާދަތަކަށް ބަދަލު ގެނައުމުގައި ގުދުރަތީ އަލިކަމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ހެނދުނު ހޭލުމާއެކު ދޮރުފޮތިތައް ކަހާލައިގެން ކޮޓަރިއަށް އަލި ވައްދައި، ގުދުރަތީ އަލި ލިބޭ ގޮތަށް ހެދުމުން ސިކުނޑިއަށް ހޭލަންވީ ވަގުތު ޖެހިއްޖެކަން އަންގައިދެ އެވެ.
ހަމައެއާއެކު، ރޭގަނޑު ނިދުމުގެ ދެ ގަޑިއެއްހާއިރު ކުރިން ކޮޓަރީގެ އަލިކަން ފަނޑުކޮށް، ފޯނާއި ޓީވީފަދަ ތަކެތިން ފެންނަ ނޫ އަލި ލިބުން މަދު ކުރުމަކީ ވެސް ހަށިގަނޑު ނިދުމަށް ތައްޔާރު ކޮށްދޭ ކަމެކެވެ.
ކެއުމާއި އެހެނިހެން އާދަތައް
ހަށިގަނޑުގެ ނިދީގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ހަވީރުގެ ވަގުތުތަކަށްފަހު ކެފެއިން (ސައި، ކޮފީ، އެނާޖީ ޑްރިންކް) ބުއިން ހުއްޓާލުމާއި، ނިދުމުގެ ތިން ގަޑިއިރު ކުރިން ކައި ނިންމުން މުހިންމެވެ.
ރޭގަނޑުގެ ނިދި ފުރިހަމައަށް ލިބިފައިވުމަކީ އެލާމަކާ ނުލައި ހެނދުނު ފަސޭހަކަމާއެކު ހޭލުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މިފަދަ ކުދިކުދި އާދަތަކަށް ބަދަލު ގެނެސްގެން ހަށިގަނޑުގެ ގުދުރަތީ ގަޑިއަށް ފަރިތަ ކޮށްފިނަމަ، އެއްވެސް އުނދަގުލަކާއި ނުލައި ކޮންމެ ދުވަހަކުވެސް އަމިއްލައަށް ހޭލެވޭ އާދަ އަށަގެންނެވޭނެ އެވެ.
މާލޭގެ 14 ބިމެއް ސިޓީ ކައުންސިލްގެ އަތުން ސަރުކާރުން އަތުލައިފި
ޔޫއޭއީގެ ޝާހީ އާއިލާ މެންބަރަކު މަސްތުވެ ލަންޑަނުގެ މަގުމަތީގައި
ޓްރަމްޕަށް ތާއީދު ގެއްލި ގިނަ ރައްޔިތުން ބޭނުންވަނީ ބަދަލު: ޕޯލް