މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނެގީ އެކަށީގެންވާ ތަފުސީލެއް ހާމަނުކޮށް އަދި މަޝްވަރާކުރުމެއް ނެތި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އިދިކޮޅު އެމްޑީޕީގެ އިސްބޭފުޅުން ފާޑުވިދާޅުވެއްޖެ އެވެ.

މަސް މާރުކޭޓާއި، ސަލްޓަން ޕާކާއި، ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭގެ މުހިންމު ބިންތަކެއް ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގާއިރު ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދާންވާނީ ކައުންސިލްތަކުގެ މާލީ އަދި އިހުތިސޯސީ ބާރުތައް ހަނިނުކޮށް، އެ ބާރުވެރިކަމަށް ޖާގަ ދީގެން ކަމަށެވެ. އަދި އެއްފަހަރާ މިހާ ގިނަ ބިންތަކެއް ސަރުކާރަށް ނެގި ބޭނުން ސާފުކޮށްދީފައި ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ކިބައިން ބާރުތައް އަތުލުމުގެ ބަދަލުގައި ރައްޔިތުން ބާރުވެރިކުރުވުމުގެ ނިޒާމެއް ކަމަށެވެ. ނަމަވެސް، ސަރުކާރުން ކައުންސިލްތަކުން ގާނޫނީ ޒިންމާ އަދާކުރަން ބޭނުންވާ ބިމާއި ބަޖެޓު ހިފަހައްޓަމުންދާތީ ނިޒާމުގެ މުސްތަގުބަލާމެދު ސުވާލުު އުފެދޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ސަރުކާރުގެ މި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފައްޔާޒު ތުހުމަތުކުރެއްވި ގޮތުގައި ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނެވެ. އަދި މާލޭގެ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލެއް އޮއްވައި، ސަރުކާރުން ބާރުތައް އަތުލައި ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަންތަން ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.