އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މެމްބަރު ވައްޑެ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ މެދު ޒާތީވެ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުންތެރޭ ތަފާތުކޮށް، ޕާޓީތެރޭގައި މާއްދީ ދަހިވެތިކަމުގެ އާދައެއް އުފަންކުރުމަކީ އެޕާޓީގެ ތަސައްވަރު ކިލަނބުވެ އެހެން ޕާޓީތަކަށް މެދުވެރިވި ގޮތް، އެޕާޓީއަށްވެސް މެދުވެރިނުވެ ނުދާނެ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ވައްޑެ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ އަމިއްލަ މާއްދީ މަންފާގެ ބަދަލުގައި، މުޅި ގައުމަށް "ފެންހިފޭ ބޮޑު ބަދަލެއް ގެނައުމަށް އަމިއްލަ ޖާނާއި މާލުން ހޭދަކޮށްގެން މަސައްކަތް ކުރަމުންއައި ބައެއް ކަމަށެވެ.

އޭނާގެ ޓްވީޓަށް ރިޕްލައި ކުރި މީހުން ވެސް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ބައެއް މީހުން ބުނީ އެމްޑީޕީއަކީ ތިމާ ކަމުގައި ދެކި، އެމްޑީޕީ އަކީ ކެނެރީގޭ ސައި ކޮޓަރީގައި ހިންގާ އެއްޗަކަށް ހެދުމުން، ބޯނެ ހުރިހާ ބޮނޑި އެއް މިހާރު އެދަނީ ބޮމުން ކަމަށެވެ.

އެމްޑީޕީއަކީ ރައީސް ނަޝީދު އާއިލީ ނުފޫޒު ހިންގާ ޕާޓީއަކަށް ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ ބުނެފަ އެވެ.