ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދު އެބައޮތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ވަނީ 56 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕީ ޕީޖީ ގުރޫޕުން ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެމައްސަލަ އަށް ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު އޮތް ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައީސް ސޯލިހު ވެސް ބޭނުންފުޅުވަޑައިގަންނަވާނީ މަޖިލީހުގެ މެޖޯރިޓީއާ އެއްކޮށް ކަމަށެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނުމަށްފަހު އެވެ. މީގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް ނެތި މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ.