އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވަނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކޮށްފަ އެވެ. މި ބަދަލާ އެކު މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 14.73ރ. އެވެ. އަދި ޑީސަލް ލިޓަރެއްގެ އަގަކީ 15.07ރ. އެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ހެޔޮކުރީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމުން ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނީ ހެޔޮ އަހުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ މަހެއް ކުރިން ވެސް އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި އެވެ. އެފަހަރު ގެނައި ބަދަލާއި އެކު އިއްޔެއާހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.14 ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 15.70 ރ. އަށެވެ.