ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ އެކްޓްރެސް ކާޖޮލް ސޯޝަލް މީޑިއާއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދާކަން އިއުލާން ކޮށްފި އެވެ.

އޭނާގެ ސޯޝަލް މީޑިއާއަށް ދޫކޮށްލި އެންމެ ފަހުގެ ޕޯސްޓުގައި ކާޖޮލް ވަނީ ކަޅު ފޮޓޯއަކާއެކު ހަޔާތުގެ އެންމެ އުނދަގޫ އެއް ދައުރު ކަޑައްތު ކުރަމުން ދާކަމަށް ބުނެފަ އެވެ.

ކާޖޮލްއަކީ އިންސްޓަގްރާމްއާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވަރަށް ހަރަކާތްތެރި އެކްޓަރެކެވެ. އެހެން ކަމުން އޭނާގެ މި ނިންމުމާއެކު ސަޕޯޓަރުންގެ މެދުގައި ސުވާލުތައް ވަނީ އުފެދިފަ އެވެ.

ކާޖޮލް ސޯޝަލް މީޑިއާއިން ދުރަށްދާ ވަކި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް ހަބަރުތައް ބުނާ ގޮތުގައި އޭނާގެ ޒާތީ ދިރިއުޅުމުގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ.

ކާޖޮލްގެ މި ނިންމުމާއެކު ގިނަ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ބައެއް ސަޕޯޓަރުން ވަނީ އޭނާ ސޯޝަލް މީޑިއާއިން ނުފެންނާނެތީ ދެރަވާ ކަމަށް ވެސް ބުނެފަ އެވެ.

ކާޖޮލް ފެނިގެން ދިޔަ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާހޭ"، "ކަބީ ޚުޝީ ކަބީ ގަމް" އަދި " މައި ނޭމް އިޒް ޚާން، ހިމެނެ އެވެ.