ގއ. ދެއްވަދޫން މިދިޔަ ނޮވެމްބަރު 30ގެ ފަހުން އެހެން ރަށްރަށަށް ދަތުރުކުރި މީހުން ކަރަންޓީންވުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން އަންގައިފި އެވެ.
އެ ސެންޓަރުން މިރޭ ބުނީ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ނޮވެމްބަރު 30ގެ ފަހުން ދެއްވަދޫން ގޮސްފައިވާ ފަރާތެއްވާ ނަމަ، ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ. އަދި ދެއްވަދޫއިން އެ މުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި މަޑުކުރަން ވެސް އެދިފައިވެ އެވެ.
އެޗްއީއޯސީން ބުނީ ނޮވެމްބަރު 30 ގެ ފަހުން ގއ. ދެއްވަދޫން މާލެއަށް އައި މީހުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނަގަން ޖެހޭނެ ކަމަށެވެ. އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވެސް އެދިފައިވެ އެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12:00 އާ ހަމަޔަށް ހުޅުވާފައި ހުންނާނެ އެވެ.
"30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ." އެ ސެންޓަރުން ބުންޏެވެ. "އަދި ޑިސެމްބަރު 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީ ނުވާން ޖެހޭނެ އެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވަމެވެ." އެޗްއީއޯސީން ބުންޏެވެ.