ވޮޝިންޓަން (9 ޖެނުއަރީ) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގައި އެތަނުގެ މުދަލާއި ތަކެއްޗަށް ގެއްލުންދިން މައްސަލާގައި ޓްރަމްޕް ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ގޮވާލާ މީހުން ދަނީ ގިނަވަމުންނެވެ.

ޑިމޮކްރަސީގެ ނަމޫނާ ގައުމެއް ކަމަށް އަބަދުވެސް ދައުވާ ކުރާ ގައުމެއްގެ ފަރާތުން މިފަދަ އަމަލުތަކެއް ފެނުމަށް ދިމާވީ ޓްރަމްޕް އޭނާގެ ސަޕޯޓަރުންނަށް ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދެއްވުމުން ކަމަށް ގިނަބަޔަކު އެއްބަސްވެ އެވެ.

ޓްރަމްޕް ރައީސްކަމުގެ ދައުރުގެ ފަހު ދުވަސްތައް ގުނަމުންދާއިރު މިފަދަ ކުޑަ ދުވަސް ކޮޅެއްގައި ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރެވިދާނެ ކަމާމެދު މާހިރުން ސުވާލު އުފައްދަވަ އެވެ. 2019 ވަނަ އަހަރު ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް ޑިމޮކްރޭޓުންނަށް ފެށޭވަރުވީ ފަސް މަސް ފަހުންނެވެ. އެކަމަކު މިފަހަރު ހައުސް އޮފް ރެޕްރެސެންޓޭޓިވްގެ ރައީސާ ނެންސީ ޕެލޯސީ މިކަމަށް އެއްބަސް ވާން ނެގީ އެންމެ ދުވަހެކެވެ.

ނެންސީ ޕެލޯސީ ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަން ވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އެއްގޮތަކީ އޭނާގެ ކެބިނެޓުން ނުވަތަ ކޮންގްރެސް އިން މަސައްކަތްކޮށްގެން ވިޔަސްމެވެ. އިދިކޮޅު ފާޓީ ކަމަށްވާ ޑިމޮކްރޭޓްސްއަށް ވަނީ އެންމެ ފަހުން ބޭއްވި އިންތިހާބަށް ފަހު ކޮންގްރެސްގެ ދެ ގޭގެ ވެސް އަޣުލަބިއްޔަތު ލިބިފަ އެވެ.

އެހެންކަމުން ކޮންގްރެސް މެދުވެރިކޮށް ޓްރަމްޕް މަގާމުން ދުރުކުރުމަށް ބޭނުންވާ އަގްލަބިއްޔަތު ލިބޭނެ އެވެ. ޓްރަމްޕްގެ ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ޓްރަމްޕް އިމްޕީޗްކުރުމަށް ތާއީދު ކުރައްވާތީ އިމްޕީޗްކުރުމަށް ބޭނުންވާ ދެބައިކުޅަ އެއްބައި މެމްބަރުންގެ ވޯޓް ލިބުމުގައި ފަސޭހަ ވެގެންދާނެ އެވެ.

ޓްރަމްޕް އިމްޕީޗްކުރުމަށް ޑިމޮކްރޭޓުން ބޭނުންވާ އެންމެ ބޮޑު އެއްސަބަބަކީ ޓްރަމްޕްގެ ސިޔާސީ ހަޔާތް އެއްކޮށް ގެއްލުވާލުމެވެ.

އިމްޕީޗް ކުރެވިއްޖެނަމަ ޓްރަމްޕަށް މުސްތަގްބަލުގައި އެއްވެސް އިންތިހާބަކަށް ޓްރަމްޕަށް ކުރިމަތި ނުލެވޭނެ އެވެ. އަދި ވެރިކަން ނިމި ރައީސުންނަށް މުޅި އުމުރަށްލިބޭ 200،000 ޑޮލަރުގެ ޕެންޝަނާއި، ކޮންމެ އަހަރަކު ދަތުރުފަތުރު ކުރުމަށް ލިބޭ އެއް މިލިއަން ޑޮލަރާއި، އަދި މުޅި އުމުރަށް ލިބޭ ސީކްރެޓް ސާވިސްގެ ހިމާޔަތް އުނިވެގެންދާނެ އެވެ. އަދި މީގެ ފަހުން އެމެރިކާގެ އެއްވެސް ރައީސަކަށް އެފަދަ ގޮތަކަށް އެމެރިކާގެ ސަލަމަތާއި އިސްތިގުލާލަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އަދަބު ނުލިބި ނުދެވޭކަން ޔަގީންކޮށްދިނުމެވެ.

ވޮޝިންޓަން ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވި ގޮތުގައި ކޮންގްރެސްއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތް މައްސަލައިގައި ޓްރަމްޕަށް ވެސް ދައުވާ ކުރާނެ އެވެ. މިކަމަކީ ޓްރަމްޕް ވެސް ޒިންމާ އުފުލައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. - އަލްޖަޒީރާ