ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި އެވެ.

މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ޙަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގަ އެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި ސީޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ރާއްޖެއާއި ސޭޝެލްސްއާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސީޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތައާރަފުކޮށް އެރުވި އެވެ. އަދި ސީޝެލްސްގެ ރައީސް، އެމަނިކުފާނުގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސަށް ތައާރަފުކޮށް އެރުވި އެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ސީޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސްގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގަ އެވެ. އަދި ސީޝެލްސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ވަނީ ސޮއެކުރައްވާފަ އެވެ.

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް އޮފީހުގައި އޮންނަ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރަނީ. ފޮޓޯ: ރައީސް އޮފީސް

ސޭޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސޭޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ސީޝެލްސްގެ ރައީސްގެ ޝަރަފުގައި ރައީސް ދެއްވާ މެންދުރުގެ ފަރިއްކޮޅެއް ވެެސް މިއަދު މެންދުރުފަހު އޮންނާނެ އެވެ.