އީޔޫގެ ސެޓްލައިޓްތަކުގެ އާ ޑޭޓާއިން ދައްކާ ގޮތުގައި 2020 އަކީ 2016 ވަނަ އަހަރާއި އެއްވަރަށް ހޫނުގަދަވި ފުރަތަމަ އަހަރެވެ.

ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސްއިން ބުނިގޮތުގައި ދިގު މުއްތަކަށް ހުންނަ އެވްރެޖަށް ވުރެ މިދިޔަ އަހަރުގެ ފިނިހޫނު މިންހުރީ 1.25 ސެލްސިއަސް މަތީގަ އެވެ.

ސައިންސްވެރިން ބުނާ ގޮތުން މިހާ ހޫނުގަދަވާން މެދުވެރިވީ އާޓިކް އާއި ސައިބޭރިއާ ހިމެނޭ ސަރަހައްދުގައި މާބޮޑަށް ހޫނުގަދަވެ، ޖުމްލަ ގޮތެއްގައި މުޅި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާއި ގުޅިގެންނެވެ.

ފާއިތުވެދިޔަ 12 މަސް ދުވަސް ފާހަގަވެފައި ވަނީ ޔޫރަޕަށް ވެސް ރިކޯޑް މިންވަރަކަށް ހޫނުވި އަހަރަކަށެވެ. އެގޮތުން 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު 0.4 ސެލްސިއަސް އިތުރަށް ހޫނުގަދަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން އިން ލަފާކުރި ގޮތުގައި 2020 ވަނަ އަހަރު ވާނީ މިހާތަނަށް ރިކޯޑްކުރެވޭ އެންމެ ހޫނުގަދަ ތިން އަހަރުގެ ތެރެއިން އަހަރަށެވެ.