އަނޫރާގް ބާސޫގެ ފިލްމު "ޖައްގާ ޖާސޫސް" އަކީ ހަތަރު އަހަރުން ސިނަމާތަކަށް އައި ފިލްމެކެވެ.

ރަންބީރު ކަޕޫރުއާއި އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކެއިފް ލީޑު ރޯލުން ފެނިގެން ދިޔަ މި ފިލްމު ވެގެން ދިޔައީ ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށެވެ.

މި ފިލްމާ ގުޅޭގޮތުން ރަންބީރު ކަޕޫރު ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގައި ވިޔަފާރިއާއި ގުޅިގެން ނިންމުނު އެންމެ ގޯސް ނިންމުން ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ދިން އިންޓަވިއުއެއްގައި ވަނީ މި ފިލްމު އުފެއްދުމަށް ދިމާވި ގޮންޖެހުންތަކާއި ފިލްމުން ގޯވިންދާ ބޭރު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

"ގޯވިންދާ ޝޫޓިން ތަކަށް އައި، އެކަމަކު ބައެއް ޝޫޓިން ތަކުގައި އަހަރެމެންނަށް ތިބެން ޖެހުނީ އޭނާ އަންނާނެ ކަމެއް ނޫނީ ނާންނާނެ ކަން ޔަގީން ނުވެފަ. ފިލްމު ޝޫޓް ކުރަމުން ގެންދިޔައީ ސައުތް އެފްރިކާފައި. އޭރުވެސް ފިލްމު ނިމުން ލަސްވެފައި އޮތީ. އޭރު އެ ސްޓްރެސް ނުނެގޭނެ. އެހެންވެ ޖެހުނީ ގޯވިންދާ ދޫކޮށްލަން،" އަނުރާގް ބުންޏެވެ.

މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް އޭރު ގޯވިންދާ ވަނީ ޓުވީޓް ކޮށްފަ އެވެ.

"އަހަރެންގެ ޒިންމާ އަހަރެން އަދާކުރިން. އަހަރެންގެ މަސައްކަތާއި މެދު ގޯވިންދާ ހިތްހަމަ ނުޖެހޭ ނަމަ އެކަމާ އަހަރެން ކުރާނެ ކަމެއް ނެތް،"