ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ނުރައްކަތެރި ސިގްނަލެއް ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒާ ދިމާކޮށްލުމުންނެވެ.
އިޔާޒާ ދިމާކޮށްލީ ޕީޕީއެމް ކޯލިޝަނުން އިއްޔެ ސޯޝަލް ސެންޓަރު ކައިރީ ބޭއްވި އެއްވުމެއްގެ ތެރެއިން އިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް އޭނާ އާ ދިމާލަށް އެކި ނަންނަމުން މީހުން ގޮވާފައިވެއެވެ. އަދި އޭނާ ހުއްޓުވަންވެސް މަސައްކަތް ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އެއީ ނުރައްކާތެރި ސިގުނަލެއް ކަމަށެވެ.
އިއްޔެ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.
ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގައި ހާއްސަ ކޮށް ޓްވިޓާގައި މީހުންގެ ސަމާލުކަން ހޯދުމަށް ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ވެސް ވަރަށް ގިނައިން އޭނާ ޓްވީޓްކުރައްވަ އެވެ.
ސަރުކާރު ދިފާއުކޮށް އަބަދުވެސް ސިޔާސީ ޓްވީޓް ކުރައްވާ އިޔާޒަށް ގިނަ ބަޔަކު ފާޑު ކިޔަ އެވެ.
އަދާލަތު ޕާޓީ އިންވެސް ވަނީ އިޔާޒާ މަގުމަތީން އެ ގޮތަށް ދިމާކުރުން ކުށްވެރިކޮށްފައެވެ. އަދި އެއީ ޕީޕީއެމް ކޯލިޝަން އިސްބޭފުޅުން ކުރުވާ ކަމެއްގެ ގޮތުގައި އަދާލަތުން ވަނީ ސިފަކޮށްފަ އެވެ.