ދިވެހި ސަލާމަތީ ހިދުމަތްތަކުގެ މަތީ ފަންތީގެ އޮފިސަރުންނާއި އޮފިޝަލުންގެ ސައިކޮލޮޖިކަލް ޕްރޮފައިލު އިންޑިއާގެ ޔުނިވާސިޓީއަކުން ހަދަން ނިންމާފައިވާ ވާހަކަ އެމްއެންޑީއެފްއިން ދޮގުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ސައިކޮލޮޖިކަލް ޕްރޮފައިލުގެ ބޭނުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަލަށް ވަންނަ އޮފިސަރުންނާއި މަތީ ފަންތީގެ އޮފިސަރުންގެ ތެރެއިން އެކި ބާވަތުގެ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު އޮތް އޮފިސަރުންނާއި އެފަދަ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ހަދާ ޕްރޮފައިލެކެވެ. އަދި މިޕްރޮފައިލް ހަދަނީ އިންޑިއާގެ ގުޖުރާތުގައި ހުންނަ ގައުމީ ފޮރެންސިކް ޔުނިވަރސިޓީ މެދުވެރިކޮށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

އަދި މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި 187 އޮފިސަރެއްގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަން ރާއްޖެއިން އެދިފައިވެ އެވެ. އެއީ ދިވެހި ސަރުކާރާއި އެ ޔުނިވާސިޓީއާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުންނެވެ.

މިކަން ދޮގު ކުރައްވައި، އެމްއެންޑީއެފުން ބުނީ އެއްވެސް ގައުމެއްގެ އެއްވެސް އިދާރާއަކާވެސް އަދި އެއްވެސް ޔުނިވާސިޓީއަކާ އެކުވެސް މިފަދަ އެއްވެސް މަޝްވަރާއެއް ކުރައްވައިފައި ނުވާނެ ކަމަށެވެ. މިފަދަ ކަމެއް ކުރާނަމަ އެކަމުގެ މައުލޫމާތު ހިއްސާ ކުރާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ސައިކޮލޮޖިކަލް ޕްރޮފައިލް ހަދަނީ އެ އިދާރާތަކަށް ރެކްރޫޓު ކުރާ މީހުންގެ ކިބައިގައި ހުރި ސިފަތަކުން އެ މީހުން އެކި ނުފޫޒުތަކަށް ލެނބުމުގެ ފުރުސަތު އޮތް މިންވަރާއި ނަސްފާނީ ހާލަތު އަންދާޒާ ކުރުމަށެވެ.