ފޮތް ކިޔުމަކީ އިންސާނާގެ ހަށިގަނޑަށާއި ސިކުނޑިއަށް އެތައް ގޮތަކުން ފައިދާކުރުވާ ކަމެއްކަން މިވަނީ ދިރާސާތަކުން ހޯދާފަ އެވެ. ހާއްސަކޮށް ރޭގަނޑުގެ އަރާމު ނިދި ނިދާލުމުގެ ކުރިން ދުވާލުގެ މަސައްކަތްތަކުން ދުރަށް ޖެހިލުމަށް ވެސް ފޮތެއް ކިޔާލުން ވަރަށް މުހިއްމެވެ.

ދިރާސާތަކުންދައްކާ ގޮތުގައި ރޭގަނޑު ނިދަން އޮށޯތުމަށްފަހު ހިތްހަމަ ޖެހޭކަހަލަ ކޮންމެވެސް ފޮތެއް ކިޔާލުން ވަރަށް މުހިއްމެވެ. އޭގެ ސަބަބުން އަނެއް ދުވަހުގެ މަސައްކަތަށް މީހާ ތައްޔާރު ވުމާއި، އިލްމީގޮތުން އެތަށް ކުރިއެރުންތަކެއް ލިބިގެންދެ އެވެ. އެއާއެކު މީހާގެ ވިސްނުން އެތައް ގުނަޔަކަށް އިތުރުވެގެންދާއިރު އާ ކަންކަން އުނގެނުމަށްވެސް މީ ހަމަ އެންމެ ރަގަޅު ގޮތްކަމަށް ދިރާސާތަކުން ވަނީ ދައްކުވައިދީފަ އެވެ.

ވާހަކަ ފޮތް ކިޔަން ވަކި ވަގުތެއް ނެތްނަމަވެސް ނިދުމުގެ ކުރިން ވާހަކަފޮތެއް ކިޔުމަކީ އިތުރު އެތައް ގޮތަކުން ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކަށް މީހާގެ ސިކުނޑި ތަނަވަސްކޮށްދީ ތާޒާކޮށް ދޭއިރު ދުވާލުގެ ވަގުތުތަކުގައި ލިބޭ ނުތަނަވަސްކަމާއި އުދާސްތައް ނައްތާލުމަށްވެސް ފޮތް ކިޔުން އެހީވެ އެވެ.

ޑިޕްރެޝަން އަދި އަވަހަށް ކަންކަމާމެދު ހާސްވާ މީހުންނަށް މިގޮތަށް ރޭގަނޑު ނިދުމުގެ ކުރިން ވާހަކަ ފޮތެއް ކިޔާލުމުން މިފަދަ ކަންކަމުން ލުއި ލިބޭކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ނިދުމުގެ ކުރިން ވާހަކަ ފޮތް ކިޔުމަކީ މީހާގެ ކޯޓިސޮލް ލެވެލް އިތުރު ކޮށްދީ ސްޓްރެސް ފަދަ ކަންކަމުން ސަލާމްތްވެ އަވަހަށް ނިދިން ހޭލުމަށްވެސް އެހީތެރިވެދޭ ކަމެއްކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.

ދެން ވާހަކަ ފޮތްކިޔުމުން ލިބިގެންދާ އަނެއް ފައިދާއަކީ މީހާއަށް އަވަހަށް ނިދިގެނެސްދީ އަރާމު ނިންޖެއް މީހާއަށް ލިއްބައިދިނުމެވެ. އިންސޮމްނިއާ ފަދަ މައްސަލަތަކުން ސަލާމަތްވާން މަސައްކަތްކުރާ ފަރާތްތަކަށް މިއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ.

ވީމާ ވާހަކަފޮތް ކިޔަން ފެށުމަކީ ހޮބީއަކަށް ނުވަތަ ހުސް ވަގުތުތަކުގައި ކުރަން އެންމެ ރަނގަޅު އަދި އެތައް ގޮތަކުން ފައިދާކުރުވާ ކަމެއްކަން އިނގޭއިރު ނިދުމުގެ ކުރިން ވާހަކަ ފޮތް ކިޔުމަކީ އާދައަކަށް ހަދަންވީ އެވެ.