ސްރީލަންކާގެ ކުރީގެ ވެރިކަން ކުރެއްވި ރާޖަޕަކްސާ އާއިލާއަށާއި އެ އާއިލާ ނިސްބަތްވާ ޕާޓީ، އެސްއެލްޕީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، އާއިލީ ގުޅުންތަކަށް ބެލުމެއް ނެތި ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގާނެ ކަމުގެ އިންޒާރު ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ދެއްވައިފި އެވެ.

ރައީސް ދިސާނަޔަކަ މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ޕޮލޮންނަރުވާއީގައި ބޭއްވި އެންޕީޕީ ދަނޑުވެރިންގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދެވީ ރާޖަޕަކްސާ އާއިލާއާ ގުޅޭގޮތުން ދެކެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި، އެ މައްސަލަތަކުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުންނެވެ.

"މިހާރު ރޮއެ ހޭރުމުގެ ބަދަލުގައި، ވައްކަން ނުކުރުމަށް ބައްޕަ ކުރިން އެމީހުން ގާތު ބުނަންޖެހޭނެ. އެއީ މަންމަ ކަމުގައި ވިޔަސް ނުވަތަ މާމަ ކަމުގައި ވިޔަސް، ގާނޫނު އެންމެންގެ މައްޗަށްވެސް ހިނގާނެ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި އެއްވެސް މީހަކަށް އަޅުގަނޑުމެންގެ ހިތުގައި ހަމްދަރުދީއެއް ނެތް،" ދިސާނަޔަކަ ވިދާޅުވި އެވެ.

މީގެ އިތުރުން، ދާދިފަހުން އަނޫރާދަޕޫރާގައި އެސްއެލްޕީޕީ އިން ބޭއްވި އެއްވުމަށް އަމާޒުކުރައްވައި ރައީސް ދިސާނަޔަކަ ވިދާޅުވީ، ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ސީއައިޑީ އިން ހޯދަން ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު އެ އެއްވުމުގައި ބައިވެރިވެފައިވާ ތަން ފެނުނު ކަމަށެވެ. އަދި ސީއައިޑީ އިން އެތަނަށް ގޮސްފިނަމަ، އެ އެންމެން އެއްތަނަކުން އަތުލައިގަނެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ދިސާނަޔަކަ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އަނޫރާދަޕޫރާގައި އެ ޕާޓީން ބޭއްވި އެއްވުމަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނިޔަތުގައި ބޭއްވި އެއްވުމެއް ނޫނެވެ. އެއީ ތަފާތު ކުށްތަކުގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކުން އެމީހުންގެ މައްޗަށް އެޅެން އުޅޭ ގާނޫނީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ހިންގި ސިޔާސީ ހަރަކާތެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.