ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ބަތަލާ، އޮސްކާ އެވޯޑް ހާސިލު ކޮށްފައިވާ ޖެނިފާ ލޯރެންސް، ގިނަ އަހަރުތަކަކަށްފަހު ރަސްމީކޮށް އިންސްޓަގްރާމާ ގުޅިއްޖެ އެވެ. ނަމަވެސް އޭނާ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް އައިސްފައިވަނީ ވަރަށް މަޖާ އަދި ހަރުކަށި ޝަރުތަކާއެކުގަ އެވެ.

އިންސްޓަގްރާމާ ގުޅުމަށްފަހު އޭނާ ހިއްސާކުރި ފުރަތަމަ ރީލްގައި ބުނެފައިވާ ގޮތުގައި، އެއްވެސް މީހަކު އޭނާއަށް ނުވަތަ އޭނާގެ ޕޯސްޓުތަކަށް އެއްވެސް ކަހަލަ ނުބައި ނުވަތަ ނެގެޓިވް ކޮމެންޓެއް ކޮށްފިނަމަ ވިސްނާ ވެސް ނުލައި ވަގުތުން އިންސްޓަގްރާމް ދޫކޮށްލާނެ އެވެ.

"އަހަރެން މިއަދު މި އިންސްޓަގްރާމަށް މި ވަނީ ވަރަށް ހިތްވަރު ކޮށްފައި. އެކަމަކު އެއްވެސް ނެގެޓިވް އެއްޗެއް ބުނެފިނަމަ، އެއްވެސް ސުވާލެއް ކުރުމެއްނެތި ވަގުތުން އަހަރެން މި އެޕް ދޫކޮށްލާނަން،" ޖެނިފާ ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނީ، މީހުން ހިތަށް އަރުވާ ނުބައި އެއްޗެހިވެސް އޭނާއަށް އެނގޭނެ ކަމަށާއި އެފަދަ ކަމެއް ވިޔަސް އެކައުންޓު ޑިލީޓް ކޮށްލާނެ ކަމަށެވެ.

މީގެ އިތުރުން، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ލިޔުމެއްގައި މަޖާ ގޮތަކަށް ބުނެފައިވަނީ، ކޮންމެ މީހަކުވެސް ކޮމެންޓް ކުރާއިރު ވިސްނައިގެން އުޅުމަށާއި، ނުބައި ނުވަތަ ހަރުކަށި ބަސްތަކުން "ކުޑަ ކުއްޖާއަށް" ގެއްލުންވެދާނެ ކަމަށެވެ. އެއީ އެހެން ކުއްޖެއް ނޫން ކަމަށާއި ކުޑަ ކުއްޖާއަކީ އޭނާ ކަމަށް ބުނެ ޖެނިފާ ވަނީ ގިނަ ބަޔަކު ހެއްވާލާފަ އެވެ.

ޖެނިފާ ލޯރެންސްގެ މި އައު އެކައުންޓުގެ ބަޔޯގައި މަޖާ ގޮތަކަށް ލިޔެފައިވަނީ އަސްލު ނަން ކަމަށްވާ "jenniferlawrence" ކުރިން އެހެން މީހަކު ނަގާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގެ އާންމު ހަމަތަކާއި ޓްރޯލްކުރުމާ ދެކޮޅަށް ޖެނިފާ ގެންގުޅުނު މި ތަފާތު އަދި ސީދާ ހިޔާލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.