ކޮންމެ ކުއްޖަކަށް ވެސް އެކުއްޖާގެ މައިންބަފައިންނަކީ މުހިއްމު ބައެކެވެ. ނަމަވެސް އަންހެން ދަރިއަކާ އޭނާގެ ބައްޕައާ ދެމެދު އޮންނަ ގުޅުމަކީ ޚާއްސަ ގުޅުމަކަށް ވަނީ އެ ގުޅުމުގެ ސަބަބުން ކުއްޖާގެ މުސްތަގްބަލަށް ގިނަ އަސަރުތަކެއް ކުރާތީ އެވެ.
އެގޮތުން ބަލާއިރު ބޮޑުވެގެން އަންނައިރު، ބައްޕައާއެކު ގާތް ގުޅުމެއް އޮންނަ އަންހެން ކުދިންގެ ޖިސްމާނީ ސިއްހަތު އެނޫން ކުދިންނަށް ވުރެ ރަނގަޅު ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެއާއެކު ފުރާވަރުގެ އުމުރުގައި ބައްޕައާއެކު އޮންނަ ގާތް ގުޅުމަކީ އެކުއްޖާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އެދެވޭ އަސަރުތަކެއްކުރާ ކަމެކެވެ.
މީގެ އިތުރުން އަންހެން ދަރިއަކު ދިރިއުޅުމުގައި ކަންކަން ކުރާއިރު ބައްޕަގެ ނަމޫނާގެ ދަށުން އެކަމެއް ކުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން ހަޔާތުގެ ބައިވެރިޔަކު ހޯދުމުގައި ބައްޕަގެ މިޒާޖާ އެއްގޮތްކަން ބެލުމާއި ވަޒީފާ އަދާކުރުމުގައި ވެސް ބައްޕަގެ ފިޔަވަޅު މަތިން އަންހެން ދަރިން ހިނގުން ގާތެވެ.
މިހުރިހާ ކަމަކާއެކު ވެސް މަންމަގެ ގުރުބާނީއަކީ ހަނދާން ނައްތާލައިގެން ނުވާނެ ކަމެކެވެ. ބައްޕައާ އެއްވަރަށް މަންމައަކީ ވެސް ޚާއްސަ މީހެއް ކަމުގައި ދެކި އެ ދެމީހުންނަށް ވެސް ލޯބިދޭން ޖެހޭނެ އެވެ.