ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް މީހުން ހޮވުމަށް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލާން ނިންމުމާ ގުޅިގެން ބައެއް ކެންޑިޑޭޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި ޕީއެންސީގެ ނައިބު ރައީސްގެ މަގާމާއި އެހެން ބައެއް މަގާމުތަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ބަޔަކު ވަނީ ވާދަކޮށްފަ އެވެ. އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލުން ކުރިއަށްދާނެ ގޮތަކާމެދު ބައެއް ކެންޑިޑޭޓުން ވަނީ ސުވާލު އުފައްދައި، އިންތިހާބުގެ ސައްހަކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލާން ނިންމީ ގިނަ ބަޔަކު ބައިވެރިވާ މި ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލުން ކުރިއަށް ގެންދިއުމަށް އުނދަގޫތަކެއް ހުރުމުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ޕާޓީގެ އެތެރޭގައި މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ލީޑަޝިޕުން ބޭނުންވި ފަރާތްތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ، އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލުމުން އިންސާފުވެރި ނަތީޖާއެއް ނުކުމެދާނެކަމާމެދު ބައެއް ކެންޑިޑޭޓުން ޝައްކު ކުރެ އެވެ.
އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެންމެ އެކަށީގެންވާ އަދި ދެފުށް ފެންނަ ގޮތަކީ ކަރުދާސް ވޯޓުކޮޅު ބޭނުންކޮށްގެން ވޯޓުލުމެވެ. ނަމަވެސް ޕާޓީގެ ލީޑަޝިޕުން ވޯޓުލުމުގެ ނިޒާމު ކަރުދާސް ވޯޓަށް ބަދަލުކުރަން ބޭނުންނުވާނެ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފައިވަނީ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށާއި، މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އިންތިހާބުގެ ދެފުށްފެންނަކަން ކަށަވަރުކުރުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުމަށް ކެންޑިޑޭޓުން ދަނީ އެދެމުންނެވެ.
ޖެނިފާ ލޮރެންސް އިންސްޓަގްރާމަށް، ފުރަތަމަ ޕޯސްޓަކީ އިންޒާރެއް؟
ލޭޑީ ގާގާއަށް އަލަތު ދަރިފުޅު ލިބުނީތަ؟ ރިޕޯޓުތައް ބުނަނީ ކީކޭ؟
ޕްރިންސަސް ޑަޔާނާގެ "ރިވެންޖް ޑްރެސް" ނީލަމުގައި ވިއްކާލަނީ!
