ވަރުން ދަވަން އާއި ޖާންވި ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމު "ބަވާލް" އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

"ބަވާލް" ފުރަތަމަ ޕޯސްޓަރު އާންމުކޮށްފައިވާއިރު މިފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ 2019 ގެ ފިލްމު "ޗިޗޯރޭ" ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މިފިލްމު ޕްރޮޑިއުސް ކުރަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސާޖިދު ނާދިއާޑްވާލާ އެވެ.

ވަރުން އާއި ޖާންވީ އެކީ ފެނިގެންދާ ފުރަތަމަ ފިލްމު ފުރަތަމަ ރިލީޒް ކުރުމަށް ނިންމާފައި އޮތީ އޮކްޓޯބަރު މަހު ސިނަމާގަ އެވެ. އެހެން ނަމަވެސް މިފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފަހުން ނިންމީ މިފިލްމު ޑިޖިޓަލްކޮށް ޕްރިމިއާކުރާށެވެ.

މިއީ ޖާންވީގެ ފިލްމުތަކުގެ ތެރެއިން ޑިޖިޓަލްކޮށް ޕްރިމިއާ ކުރާ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނަގެ "ގުޑް ލަކް ޖެރީ" އާއި "މިލީ" ރިލީޒްކުރީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލްކޮށް ޕްރީމިއާކުރި ވަރޫންގެ ހަމައެކަނި ފިލްމަކީ 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. ސާރާ އަލީ ޚާން ބަތަލާގެ ރޯލު ކުޅުނު އެ ފިލްމު ޕްރީމިއާކުރީ އެމެޒޯން ޕްރައިމުންނެވެ.