ގާޒާ (10 ޖެނުއަރީ) - ފަލަސްތީނުގެ ރައްޔަތުންނަށް ކޮވިޑް ވެކްސިން އަންނަ މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ޖެނެރަލް ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް ޔަސެރު ބޮޒީއެހް ވިދާޅުވީ ވެކްސިން އުފައްދާ ކުންފުނި އެސްޓްރާ ޒެނެކާއާއެކު ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާ ހަމަޔަށް އާދެވިފައިވާ ކަމަށެވެ. މީގެ އިތުރުން މޮޑާނާ ވެކްސިން، ޖޯންސެން އެންޑް ޖޯންސެން ވެކްސިން އަދި ރަޝިޔާއިން އުފެއްދި ސްޕްޓްނިކް ވީ ވެކްސިން ވެސް ހޯދުމުގެ މަސައްކަތް އެކުންފުނިތަކާއި ގުޅިގެން ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ވެސް ވެކްސިން އެ ގައުމަށް ލިބޭނެ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުން ދަނީ އެމީހުން ގަދަބާރުން ހިފައިގެން ތިބި ފަލަސްތީން ބިންތަކުގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް ވެކްސިން ދިނުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިޒްރޭލުން ގަދަބާރުން ހިފައިގެން އުޅޭ ވެސްޓް ބޭންކް އަދި ގާޒާގައި އާބާދުކުރުވައިގެން އުޅޭ ޔަހޫދީންނަށް ވެކްސިން ދޭއިރު އެތާނގައި އުޅޭ ފަލަސްތީން ރައްޔަތުންނަށް ވެކްސިން ދިނުމަކީ ވެސް އިޒްރޭލުން ކުރަން ޖެހޭނެ ކަމެކެވެ. އަދި މިކަމަށް އަޅާނުލާ ނަމަ އެއީ އެތަނުގައި އުޅޭ ރައްޔިތުންގެ ހައްގަށް އެރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. - ރޮއިޓާސް