ގއ. ދެއްވަދޫގައި ހޯމް ކަރަންޓީނަށް މީހުން އައުމުގެ ކުރިން ވެސް އެރަށުގައި ބަލި ފެތުރިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ކުރިން ބެލެވިފައި ވަނީ އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މާލެއިން އެރަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި އާއިލާއެއްގެ ހަތަރު މަހުގެ ކުއްޖެއް ކަމަށެވެ. ނަމަވެސް އޭގެކުރިން ވެސް ބަލީގެ އަލާމާތްތައް ހުރި މީހުން އެރަށުގައި ތިބިކަން މިހާރު ވަނީ ހާމަވެފަ އެވެ. އަދި އެފަދަ ބައެއް މީހުންގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ.

ދެއްވަދުއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 22 އަށް އަރާފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ. އެއީ ދެއްވަދޫގައި ތިބި 16 މީހަކާއި އެ ރަށުން ލ. ފޮނަދު އަށް ދިޔަ ހަތަރު މީހަކާއި ހުޅުމާލޭގައި ހުރި އެ ކްލަސްޓާގައި ހިމެނޭ ދެ މީހެއް ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

އެ މީހުންނާ ގުޅުން ހުރި 149 ކޮންޓެކްޓުން މިހާރު ހޯދާފައިވެއެވެ. އަދި އޭގެ ތެރޭގައި ހައި ރިސްކް ކެޓެގަރީގެ 55 މީހުން ހިމެނޭ ކަމަށް އެޗްއީއޯސީން ބުންޏެވެ.

ދެއްވަދޫން ނަގާފައިވާ 163 ސާމްޕަލް މިހާތަނަށް ލިބިފައިވާއިރު، ނަތީޖާ ލިބިފައި ވަނީ އޭގެތެރެއިން 78 ސާމްޕަލްގެ އެވެ. ބާކީ 85 ސާމްޕަލްގެ ނަތީޖާ މިރޭ ލިބޭނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.