ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ހިޔާ ފްލެޓްއިން އަންނަ ހޮނިހިރު ދުވަހު ކަރަންޓް ކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރާނެ ކަމަށެވެ.
އެ ދުވަހު ހެނދުނު ހިޔާ ޓަވަރު 1 އިން 8 އަށް 10:00 އިން މެންދުރު 12:00 އަށް ކަރަންޓު ކެނޑޭނެ ކަމަށާއި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މިގޮތަށް ކަރަންޓް ކަނޑާލަން ޖެހެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯއިން ވަނީ އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.
މީގެ ކުރިންވެސް މިފަދަ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ކަރަންޓު ކަނޑާލަ އެވެ. ނަމަވެސް ކަރަންޓު ކަނޑާލުމުގެ ކުރިން އެކަން އާންމުކޮށް އިއުލާން ކުރެ އެވެ.