ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔަކު ރާއްޖޭގެ ރިސޯޓެއްގައި ރޭޕުކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު މިމައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން އެކަން އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޝާމިލުވާ ދެ މީހުންގެ ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާކަމަށާއި، އަދި އޭގެ ނަތީޖާ ލިބުމުން މައްސަލައިގައި ކުރިއެރުންތަކެއް ލިބޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް ތުހުމަތު ކުރެވޭ މީހާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި ބޭނުންވާ އެހެނިހެން އެހީތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދީފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރޭޕާ ގުޅުންހުރި މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކަމާއި ޕްރޮފެޝަނަލްކަމާއެކު ބަލާ ފިޔަވަޅު އަޅާނެ މައްސަލަތައްކަމަށެވެ. ހަމައެއާއެކު ދިވެހި ގާނޫނު ހިނގާ ސަރަހައްދުގައި ހިމެނޭ ކޮންމެ ފަރުދެއްގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންސާފު ގާއިމުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ. އެހެންކަމުން މިހާރު ބަލަމުން އަންނަ ފަތުރުވެރިޔާ ރޭޕްކުރި މައްސަލައަށްވެސް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދެ އެވެ.
ފަތުރުވެރިޔާގެ ތުހުމަތުތަކާ ގުޅިގެން ރިސޯޓުން ބުނެފައިވަނީ އެފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މައްސަލައިގައި މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް ރިސޯޓުން ވަނީ ބުނެފަ އެވެ.
މިމައްސަލައާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް އެދި ފަތުރުވެރިޔާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ސިޓީއެއް ފޮނުއްވާފަ އެވެ.