ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔަކު ރާއްޖޭގެ ރިސޯޓެއްގައި ރޭޕުކުރި މައްސަލާގައި އިންސާފު ހޯދައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މާލެ ކައިރީގައި ހިންގަމުން އަންނަ ރިޒް ކާލްޓަން ފަރި އައިލެންޑަށް ދިޔަ ފަތުރުވެރިޔަކު ރޭޕްކުރި ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިމައްސަލަ މިމަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

މި ރޭޕްގެ މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައުމާއި ގުޅިގެން ރިޓްސް ކާލްޓަންގެ ސޯޝަލް މީޑިއާގައި ބުނީ މިފަދަ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަމަކީ އެ ރިސޯޓުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަން ފާހަގަކޮށް އެރިސޯޓުން ބުނީ ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުދޭނެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު ފަތުރުވެރިޔާ ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި ރައީސް ސޯލިހާއި ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ފަތުރުވެރިޔާ ރައީސ ސޯލިހަށް ފޮނުވި ސިޓީގެ ކޮޕީއެއް މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ސިޓީގައި އޭނާ ބުނެފައިވަނީ އޭނާ ރިޒްކާލްޓަން ހޮޓަލުގައި މަޑުކުރިކުރުމުގައި ޖިންސީ އަނިޔާ ލިބިފައިވާކަމަށާއި، އެކަމުގައި އިންސާފު ހޯދުމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށެވެ.

ރައީސް ސޯލިހަށް ފޮނުއްވި ސިޓީ

އަދި މި މައްސަލަ ބައްލަވައިދެއްވައި އޭނާއަށް އިންސާފު ހޯދުމުގައި އެހީތެރިވެވަޑައިގަތުމަށް ރައީސް ސޯލިހުގެ ކިބައިން އޭނާ ވަނީ އެދިފައިވެ އެވެ.

ފަތުރުވެރިޔާ ރައީސް ނަޝީދަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައި މައްސަލައިގައި ގާނޫނީ އެހީ ހޯދަން މަސައްކަތްކުރި ނަމަވެސް ރާއްޖޭގެ މުއައްސަސާތަކުން އޭނާއަށް އެހީވާން ބޭނުންނުވި ކަމަށެވެ.