މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ލިބުނު ފަރާތްތައް އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ފްލެޓާއި ގޯތި ލިބުނު މީހުންގެ ލިސްޓް މިހާރު ފައިނަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ ހަފްތާ ތެރޭގައި ލިސްޓް އާންމުކުރާނެ ކަމަށެވެ.

ފްލެޓާއި ގޯތި ލިބުނު މީހުންގެ ލިސްޓް އިއުލާނު ކުރުމުގެ ކުރިން ރައީސް ސޯލިހު އެކަމަށް އެކުލަވާލި ކޮމެޓީއާ މިއަދު ބައްދަލު ކުރައްވާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

"މިކަމާ ގުޅޭގޮތުންް މަޝްވަރާ ކުރުމަށް މިއަދު ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލްވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ. އަދި މި މަސް ނިމުމުގެ ކުރީން ލިސްޓް އާންމު ކުރައްވާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތީ އީދު ބަންދާއި ދިމާކޮށް އޮތް ބޮޑު ޗުއްޓީއަކަށްވާއިރު، ލިސްޓު ހާމަކުރާނީ ޗުއްޓީ ތެރޭގައި ކަމަށް ބެލެވެއެވެ.

ސަރުކާރުން ހުޅުވާލި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. މީގެތެރެއިން 14000 އަށްވުރެ ގިނަ މީހުން ވަނީ ފްލެޓަށް އެދި ފޯމު ހުށައަޅާފައެވެ. މިފްލެޓުތަކުގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެ އެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުން އިވެލުއޭޓުކޮށް ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް ފެބްރުއަރީ މަހު އުފައްދައި އެ ކޮމިޓީގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ކޮމެޓީގެ ބައްދަލުވުމެއް އިއްޔެ ވެސް ބޭއްވި އެވެ.

ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން އެތަނުން އަށް ޓަވަރެއްގެ މަސައްކަތް ނިންމާށެވެ.