ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ކުރި އަމުރު މުރާޖާ ކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

އެމްއާރުއެމް އުވާލަން އީސީ އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކުރީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.

އެ މައްސަލަ އެމްއާރުއެމް އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެމްއާރުއެމް އިން އެދިފައި ވަނީ ޕާޓީ އުވާލުމަށް އީސީ އިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އެމްއާރްއެމް އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.

އެމްއާރުއެމްއިން ބުނެފައި ވަނީ ޕާޓީ އުވާލުމާ ގުޅޭ އެހެން މައްސަލައެއް 30 ދުވަހުގެ ތެރެގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެހެންވެ ކޯޓުން އީސީގެ މައްޗަށް އަމުރު ނެރެފައި ވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕާޓީ އާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

އެހެންވެ އެނިންމުން މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިވިލް ކޯތުގައި އެދިފަ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެއަމުރު މުރާޖާ ކޮށްދޭން އީސީން ހުށަހެޅި ނުކުތަގައި އެކޮމިޝަންގެ ގައިރު ހާޒިރުގައި އަމުރު ނެރެދޭން ގަބޫލުކުރެވޭ ފަދަ ހެއްކެއް އެމްއާރުއެމްއިން ހާމަ ނުކޮށް އޮތް ކަން އީސީ އަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އަދި ގައިރު ހާޒިރުގައި އަމުރެއް ނެރެ ދެވެން އެމްއާރްއެމުން ހުށަހެޅި ލިޔެކިއުންތަކަށް ބަލާއިރު ކޯޓަށް ބުރަ ނުވެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

އެމްއާރުއެމުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީން މެމްބަރުން މަދުވުމުގައި އީސީގެ ތެރޭގައި އޮޅުވާލުންތަކެއް ހިނގާ ކަމަށެވެ. އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާއިރު ބައެއް މީހުން ތިބެނީ ޕާޓީގެ އެކި މަގާމްތަކުގައި ކަމަށް ވެސް އެމްއާރުއެމް އިން ބުނެފައިވެ އެވެ.

މިއީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގަރާރަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ. އަދި ޕީޕީއެމް ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިންނެވެ.