އިސްލާމް އާބާދު (11 ޖެނުއަރީ) - ޕާކިސްތާނުގެ ޕަވާ ޕްލާންޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން އާދިއްތަ ދުވަހު ޕާކިސްތާނުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، ގިނައިރުތަކެއް ވަންދެން ކަނު އަނދިރީގައި ތިބެން ޖެހުނު މައްސަލާގައި އެ ޕްލާންޓްގެ ހަތް މުވައްޒަފަކު ސަސްޕެންޓް ކޮށްފި އެވެ.

ޕާކިސްތާނުގެ ސެންޓްރަލް ޕަވާ ޖެނެރޭޝަން ކޮމްޕެނީން ބުނިގޮތުގައި އެ ގައުމުގެ އެންމެ ބޮޑު ޕަވާ ޕްލާންޓްތަކުގެ ތެރޭގައި ހިމެނޭ ގުއްޑޫ ތާމަލް ޕަވާ ޕްލާންޓްގެ މެނޭޖަރުގެ އިތުރުން ހަ މުވައްޒަފުން ސަސްޕެންޑް ކުރީ ވަޒީފާއަށް ފަރުވާކުޑަކުރުމުގެ ސަބަބުންނެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތުން ފެށިގެން ބައެއް ސިޓީ ތަކުގައި 18 ގަޑިއިރު ވަންދެން ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓު ކެނޑުނު ސިޓީތަކުގެ ތެރޭގައި އިސްލާމް އާބާދު، ކަރާޗީ، ލާހޯރު ހިމެނެ އެވެ.

ގުއްޑޫ ޕްލަންޓަކީ 1980 ވަނަ އަހަރު އިމާރާތްކުރި ޕްލާންޓެކެވެ. މި ޕްލާންޓަކީ ޕާކިސްތާނުގެ އެންމެ ބޮޑު ޕަވާ ޕްލާންޓްތަކުގެ ތެރޭގައި ހިމެނޭ ޕްލާންޓެކެވެ.

ޕާކިސްތާނުގެ ކަރަންޓު ވިއުގަޔަކީ ވަރަށް ގިނައިން މައްސަލަ ޖެހޭ ވިއުގަ އެކެވެ. އެ ވިއުގަ ޑިޒައިންކޮށްފައިވާ ގޮތުން އެންމެ ސެކްޝަނެއްގައި މައްސަލަ ޖެހުނަސް ވަރަށް ގިނަ ހިސާބުތަކަށް މިކަމުގެ އަސަރުކޮށް ކަރަންޓް ކެނޑޭގޮތް މީގެކުރިން ވެސް ދިމާވެފައިވެ އެވެ.

މިފަހަރުގެ ކަރަންޓް ކެނޑުމުގެ ހާދިސާއަކީ ތިންއަހަރު ތެރޭގައި މިގޮތަށް ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެން ދިމާވެ މިފަދަ ދެވަނަ ހާދިސާ އެވެ. މީގެ ކުރިން 2018 ވަނަ އަހަރު ވެސް މިފަދަ ގޮތަށް ނުވަ ގަޑިއިރަށް ކަރަންޓް ކެނޑުނެވެ. އަދި މީގެ އިތުރުން 2015 ވަނަ އަހަރު ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާތަކެއްގައި މުޅި ޕާކިސްތާނުގެ 80 ޕަސެންޓުން ވަނީ ކަރަންޓް ކެނޑިފައިވެ އެވެ. - އަލްއަރަބިއާ