ފިލްމެއް ޑައިރެކްޓް ނުކުރާތާ 12 އަހަރު ފަހުން ފަރުހާން އަޚްތަރު ޑައިރެކްޓް ކުރަން އުޅޭ ފުރަތަމަ ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށުން ލަސްވާތީ އެފިލްމުގައި ލީޑް ރޯލުން ފެނިގެންދާ އެއް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެފިލްމު ދޫކޮށްލައިފި އެވެ.
މިހާރު ހޮލީވުޑްގެ ފިލްމުތަކަށް އިސްކަންދޭ ބަތަލާ ޕްރިޔަންކާ އެ ފިލްމު ނުކުޅެން ނިންމީ އެފިލްމުގެ ޝޫޓިން ފެށުން ލަސްވެގެންދާތީ އެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން ޕްރިޔަންކާވެސް ފަރުހާނުވެސް ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
މީގެ ކުރިންވެސް ޕްރިޔަންކާ މިފިލުމު ދޫކޮށްލިކަމަށް އަޑުތައް ފެތުރުނެވެ.
ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ކެޓަރީނާ ކައިފް އަދި އާލިއާ ބަޓް ހިމަނައިގެން އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ޑަރެކްޓުކުރަނީ ފަރްހާން އަކްތަރެވެ.
2021 ވަނަ އަހަރު އިއުލާނު ކުރި މިފިލްމުގެ މަސައްކަތް ފުރަތަމަ ލަސްކުރީ އާލިއާ ބަލިވެއިނުމާ ގުޅިގެނެވެ، އޭގެ ފަހުން އެ ތިން ތަރިން އެހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެމުންދާ އިރު، ރިޕޯޓްތައް ބުނާ ގޮތުގައި، މިހާރު ފަރްހާން ވެސް ވަނީ އެހެން ކަމަކަށް ސަމާލުކަން ދޭން ގަސްދުކޮށްފަ އެވެ.
ޕިންކްވިލާއިން ބުނިގޮތުގައި 'ޖީ ލޭ ޒަރާ'އާ މެދު ގޮތެއް ނިންމާނީ ލީޑް ރޯލުތައް ކުޅޭ ތިން ތަރިންނަށް އެއްފަހަރާ ވަގުތު ލިބޭ ތާރީހެއް އެނގުމުންނެވެ. ކާސްޓިންއަށް ބަދަލެއް ގެނައުން ވެސް އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަރުހާންގެ ފުރަތަމަ ޑައިރެކްޝަން 2001 ގެ "ދިލް ޗާތާ ހޭ" އަކީ ވެސް ތިން އެކުވެރިއެއްގެ ރޯޑް-ޓްރިޕް ފިލްމެކެވެ. އޭގެ ބަތަލުންނަކީ އާމިރު ޚާނާއި ސައިފް އަލީ ޚާންގެ އިތުރުން އަކްޝޭ ކަންނާ އެވެ. ބަތަލާއިންނަކީ ޕްރިތީ ޒިންތާ އާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ސޮނާލީ ކުލްކަރްނީ އެވެ.
އެކްސެލް އިން ގެނެސްދިން ދެވަނަ ރޯޑް-ޓްރިޕް ފިލްމަކީ ކެޓްރީނާ އާއި ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅެ، ފަރުހާންގެ ދައްތަ ޒޯޔާ 2011 ގައި ގެނެސްދިން "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ. އޭގެ ކާސްޓްގައި ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ކަލްކީ ކޮއެޗްލިން ވެސް ހިމެނެ އެވެ.