އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ގޭމިން ޕްލެޓްފޯމެއް ކަމަށްވާ ޒުޕީގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
ޒުޕީއިން ބުނީ އެމްބެސެޑަރަކަށް ކަޕިލް ހަމަޖެއްސީ އޮންލައިން ގޭމިން ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަށެވެ.
ޒުޕީން އިއުލާންކޮށްފައިވާ "އިންޑިއާ ކާ އަޕްނާ ގޭމް" ކެމްޕޭން އިޝްތިހާރު ކުރުމުގައި ކަޕިލް ހަރަކާތެރިވާނެ އެވެ.
މި ކެމްޕޭން އަކީ ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުން ކަމަށް ޒުޕީން ބުނެ އެވެ. މީގެ އިތުރުން ޒުޕީންގެ ލޫޑޯއަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް އެގޭމް ކުޅޭ މީހުން އިތުރު ކުރުމެވެ.
ކަޕިލް ޝަރްމާގެ އިތުރުން އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ހަރްބަޖަން ސިންގް އާއި އިންޑިއާގެ ކުރީގެ ހޮކީ ކުޅުންތެރިޔާ ސާދާ ސިންގް އާއި އިންޑިއާގެ ފްރީސްޓައިލް ރެސްލިން ކުޅުންތެރިޔާ ޔޯގޭޝްވާރު ދަތު އަދި އިންޑިއާގެ ކަބަޑީ ކުޅުންތެރިޔާ ޕަވާން ސެހްރާވަތު ފަދަ ކުޅިވަރުގެ އިހުތިރާމް ލިބިގެންވާ ޝަޚުސިއްޔަތުތައް ވެސް މި ކެމްޕޭނުގައި ވަނީ ބައިވެރިވެފަ އެވެ.
ސޮނީ ޓީވީން ކުރިން ގެނެސްދިން "ކޮމެޑީ ސާކަސް" އިން އާންމުންގެ ސަމާލުކަން ހޯދި ކަޕިލް އަކީ މި ފަހުން އިންޑިއާގެ ކޮމީޑިއަނުންގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ފަންނާނެވެ. އޭގެ ހެއްކަކީ އޭނާގެ ނަމުގައި ޝޯއެއް ގެނެސްދިނުމެވެ. ކުރިން ކަލާޒް އިން ގެނެސްދިން އެ ޝޯ މިހާރު ސޮނީން ގެނެސްދެނީ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ނަމުގަ އެވެ.
ދެ ކުދިންގެ ބައްޕަ ކަޕިލް، 42، އަކީ މިހާރު ޕްރޮޑިއުސަރެއް އަދި އެކްޓަރެއް ވެސް މެ އެވެ. އޭނާ ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2015 ގެ "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އާއި އަމިއްލަ އަށް ޕްރޮޑިއުސްކުރި 2017 ގެ "ފިރަންގީ" އެވެ.