އެމްއެމްޕީއާރްސީ ގެ ހިޔާނާތަށްވުރެ މި ސަރުކާރުގެ ވައްކަން ދެގުނަ ވެއްޖެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި މިހާރު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް ޕީއެންސީއާއި ދަ ޑިމޮކްޜެޓްސްއާއި އެކު ބޭއްވި 3 ވަނަ މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރުއާއި ނޫސްވެރިން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރިން ރައީސް ޔާމީނާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުން ދައްކާފައިވާ ކަމަށާއި އަދިވެސް އެވާހަކަތައް ގަބޫލު ކުރޭތޯ ސުވާލުކޮށްފަ އެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށްހުރީ ރައީސް ޔާމީން ކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ މިސަރުކާރުގެ ވައްކަން އެމްއެމްޕީއާރްސީގެ ވައްކަމަށްވުރެ ދެގުނަ ވެއްޖެ ކަމަށެވެ. އެގޮތުން އެކި އެކި ކުންފުނިތައް މެމދުވެރިކޮށް ސަރުކާރުން ބޮޑެތި ވައްކަންތައް ކުރަމުންދާ ކަމަށް އަމްރު ތުހުމަތު ކުރެއްވި އެވެ. އަމްރު ވިދާޅުވީ ފެނަކަ މެދުވެރިކޮށް އަތޮޅުތެރޭގައި ކުރާ ދަތުރުތަކުންވެސް ބޮޑެތި ވައްކަންތައް ކުރަމުންދާ ކަމަށެވެ.

"ބޮޑު ސިންގާ ސަރުކާރެއް މިއޮތީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން. ކޮންކަމެއްތޯ ވީ؟ ބޮޑު ސިންގާ ލިސްޓެއް އެބައޮތް. އެއިން އެއްވެސް މީހެއްގެ މައްސަލަ ބެލީކީއެއްނޫން. މިކަންކަން ނުބެލެންޏާ ސަރުކާރު އިސްތިއުފާ ދޭންވީ ނޫންތޯ؟" އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ނުބަލާކަން ފާހަގަކުރައްވާ އަމްރު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި 300 އެއްހާ މީހުންގެ ލިސްޓެއް ނެރެފައިވާއިރު މި ސަރުކާރުން ޝަރީއަތް ހިންގަނީ ހަމަ އެކަނި ރައީސް ޔާމީންގެ މައްޗަށެވެ.