ބެއިރޫތު (12 ޖެނުއަރީ) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ވިޔަފާރި ބަނދަރުގެ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ގޮވުމުގެ ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކުރުމަށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފި އެވެ.

ލުބުނާންގެ ވިޔަފާރި ބަނދަރުގެ ގުދަނެއްގައި ރޯވެ ގޮވާފައި ވަނީ މިއަހަރު އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި ހާދިސާގައި 140 އަށް ވުރެ ގިނަ މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވެ އެވެ. މި ގުދަނުގައި ރައްކާކޮށްފައި ހުރީ ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓެވެ.

އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެއްދުމުގައި ބޭނުންކުރާ ކެމިކަލެކެވެ. މިހާދިސާގައި 4.6 ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ލުބުނާންގެ ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އަލް ޖަޒީރާ އިން ލުބުނާންގެ ޕަބްލިކް ޕްރޮސެކިއުޓަރު ގައްސާން ކައުރީއާ ހަވާލާދީ ބުނިގޮތުގައި ލުބުނާން ކޯޓަކުން ތިން މީހަކު ހައްޔަރުކުރުމަށް ކޯޓް އަމުރު ނެރެފައިވާ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުގެ ވެރިފަރާތް ކަމަށް ބެލެވޭ ރަޝިއާގެ އިގޯރް ގްރުޗުސްކިން އާއި ބޯޓުގެ ކެޕްޓަން ރަޝިއާގެ ރައްޔިތެއް ކަމަށްވާ ބޮރީސް ޕްރޮކޮޝިވް އެވެ. އަދި މީގެ އިތުރުން ގުދަނުގައި ބަހައްޓާފައި ހުރި ކެމިކަލް ގަތް ކަމަށް ބެލެވޭ ޕޯޗްގަލްގެ ރައްޔިތެއް ކަމަށްވާ ޖޯޖް މޮރެއިރާ އެވެ.

ލުބުނާންގެ މީޑީއާތަކުން ބުނިގޮތުގައި މޮރެއިރާ ވަނީ ޕޯޓްގައި ބަހައްޓާފައި ހުރި ކެމިކަލްތައް ބެލުމަށް 2014 ވަނަ އަހަރު އެގައުމަށް އައިސްފަ އެވެ.

ކެމިކަލް ހިފައިގެން ދިޔަ ބޯޓް ލުބްނާންގެ ޕޯޓަށް ވަދެފައިވަނީ 2013 ވަނަ އަހަރުގަ އެވެ. ގުދަން ކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ނައްތާނުލައި ގިނަ ދުވަސްވަންދެން ބަހައްޓައިފިނަމަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވާނެ ކަމަށް ވަރަށް ގިނަ ފަހަރު ވަނީ ލިޔުމުން ވެސް ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅި ހަ އަހަރު ވަންދެން މި ކެމިކަލްތައް ވަނީ އެޕޯޓްގައި ބަހައްޓާފަ އެވެ. އަލްޖަޒީރާ