ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދޭ އަސަރުތަކާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކާއި އިންޓަރެސްޓް އަނބުރާ ދެއްކުން ފަސްކޮށްދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.

އެސްޑީއެފްސީ އިން ބުނީ، އެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ މުއްދަތުގައި މޮރެޓޯރިއަމްގެ މުއްދަތު އިތުރުކުރަން ހުށަނާޅައިފި ނަމަ ބެލެވޭނީ ލޯނު ފަސްކޮށްދިނުމަށް އިތުރު މުއްދަތެއް ބޭނުން ނުވަނީ ކަމަށް އެ ބޭންކުން ބުންޏެވެ.

އެސްޑީއެފްސީ އިން ކުރިން ވަނީ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ނިންމާފަ އެވެ. އެ ހަ މަސްދުވަސް ހަމަވާތީ، އެސްޑީއެފްސީ އިން މިހާރު ނިންމާފައި ވަނީ، އެ މުއްދަތު އިތުުރުކުރުމަށް އެދޭ ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ދަންމާލުމަށެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ހުޅުވައި ހިދުމަތް ދެމުން އަންނަ ތަނެކެވެ.

އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ ތެރޭގައި، ގެސްޓްހައުސް އެޅުމަށް ދޫކުރާ ލޯނާއި ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ އިތުރުން، ވިޔަފާރި ފެށުމަށާއި ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނު ވެސް ހިމެނެ އެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަވުމުގެ އިތުރުން، އިކުއިޓީ އަށް އަތުން ދޭން ޖެހޭ ވަރު ވެސް ކުޑަ އެވެ.

މީގެ އިތުރުން، ކޮވިޑް ރިލީފް ސްކީމްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުވެސް ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ. --އެމްބީއެސް