މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލް ހައްޖުގެ ގޮތުގައި ނައިބު ރައީސް ކަނޑައަޅުއްވާފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ނައިބު ރައީސް ސައުދީއަށް ވަޑައިގަތީ މިދިޔަ ޖޫން 22 ވަނަ ދުވަހު އެވެ. ނައިބު ރައީސްއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދު އެނބުރި ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މިއަހަރު ރާއްޖެއަށް ހައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1،000 ކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ގްރޫޕެއްގެ ހަވާލުގައި ދިވެހިން ހައްޖަށް ގޮސްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީއަށް ދިޔަ ދިވެހި ހައްޖުވެރިން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށެވެ. އެގޮތުން ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަ ފްލައިޓެއްގަ އެވެ.