މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރެވޭނެ ހައިސިއްޔަތެއް ހައުސިން މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕީޖީ މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ސަރުކާރުން ފަށާފައި އޮތް "ބިންވެރިޔާ" ގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅު ގޯތި ދިނުމަށް ނިންމާ ލިސްޓް އާންމުކޮށްފައި ވަނިކޮށެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ ގާނޫނުގެ މާއްދާއަކާ ހަވާލާދީ ދެއްވައި ވިދާޅުވީ މިނިސްޓްރީ އަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށެވެ.

މުއިއްޒު ހަވާލާ ދެއްވި މާއްދާގައި ބުނެފައި އޮންނަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް މާލެ ސަރަހައްދުން ގޯތި ދޫކުރުމާ ގުޅޭ އެއްވެސް ކަމެއްގައި މިނިސްޓްރީން މާލެ ސިޓީ ކައުންސިލުން ބައިވެރިއެއް ނުކުރެ އެވެ. އަދި އެކަމުގައި ކައުންސިލްގެ އެއްވެސް ހިއްސާއެއް ވެސް ނެތެވެ.

ގޯތި ލިބުނު މީހުންގެ ލިސްޓް މިނިސްޓްރީން އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. މިލިސްޓް އާންމުކުރުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސް ސޯލިހު ވަނީ ހާމަކޮށްފަ އެވެ.

ގޯތި ލިބޭ މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން 6200 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.