އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ބުނާ ވާހަކަ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ދޮގުކޮށްފި އެވެ.

އާރްޑީސީއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

އެކަމާ ގުޅިގެން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫކޭ ކުރެއްވި ޓުވީޓް އެއްގައި ވިދާޅުވީ ވައްކަން ކުރި ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން އެ ބޭފުޅާއަކީ ރައީސް ޔާމީން ނޫން ކަމަށް ވިދާޅުވި އެވެ.

އެއް އެކައުންޓުން އަނެއް އެކައުންޓަށް ފޮނުވާ ފައިސަގެ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށް މޫކޭ ވިދާޅުވި އެވެ.

އާރުޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގިގު ކުރަމުން އަންނަނީ އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އާރުޑީސީއިން ގެއްލުނު 13.8 މިލިއަން ރުފިޔާ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވާހަކަދެކެވެ އެވެ.

ޔާސިރު އަށާއި މޫކޭއަށް ތުހުމަތުތައް ކުރާއިރު ޔާސިރު ވަނީ ދާދި ފަހުން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ.